ކަފާލާތުގެ ދަށުން ގާޒީ ނިހާން މިނިވަން ކުރެވެން ނެތް ކަމަށް ނިންމައިފި

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ކަފާލާތުގެ ދަށުން މިނިވަން ކުރެވެގެން ނެތް ކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
ހައިކޯޓުން ކަފާލާތުގެ ދަށުން ނިހާން މިނިވަންކުރުމާމެދު ގޮތް ނިންމީ، އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ހައިކޯޓުގައި އެދުމުންނެވެ. ހައިކޯޓުގައި ނިހާން އެގޮތަށް އެދުނީ އެކޯޓުގެ ގަވާއިދުގެ ދަށުން ނިހާން ކަފާލާތުގެ ދަށުން މިނިވަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެއެވެ.
ނަމަވެސް ނިހާން އެގޮތަށް އެދުމުން ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ނިހާން ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށެވެ.
ނިހާން މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށްޓަކާ ލިޔުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގި ކަމުގެ ދައުވާގެ އިތުރުން ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވި ފަދަ އަމަލެއް ހިންގުމުގެ ދައުވާއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް އާންމުންގެ މެދުގައި ބިވެރިކަން އުފެދޭފަދަ އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކަނޑައަޅައިފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ