ގިނަ ރައްޔިތުން ތާއީދުކުރި ލީޑަރަކީ ރައީސް ޔާމީން

މިވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ އެންމެ ވަރުގަދަ ޝަޚުސިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ރައްޔިތުން ހާމަކޮށްދީފިއެވެ.މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދެ ކެންޑިޑޭޓުން ވާދަކުރައްވާފައެވެ. އޭގެ ތެރޭގައި ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް މުހައްމަދު ސޯލިޙުއާއި، ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުން އިބްރާހީމް މުހައްމަދު ސޯލިޙު ވާދަކުރެއްވި އިރު، ކޯލިޝަންގެ ކެންޑިޑޭޓަށް ވޯޓް ދިން މީހުންގެ ތެރޭގައި އެމްޑިޕީއާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރި މީހުން ހިމެނެއެވެ. ހަތަރު ލީޑަރުންނަށް ތާއީދުކުރި ފަރާތްތަކުން 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓް ހޯއްދަވައިގެން އިބްރާހީމް މުހައްމަދު ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ޔާމީން ވަނީ 96132 ( ނުވަދިހަ ހަހާސް އެއް ސަތޭކަ ތިރީސް ދޭއް) ވޯޓް ހޯއްދަވައިގެން އެންމެ މަގުބޫލު ޝަޚްސިއްޔަތަކީ އެމަނިކުފާނުކަން ހާމަކޮށްދެއްވާފައެވެ. އިދިކޮޅު ކޯލިޝަނަށް ލިބުނު 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓް ހަތަރު ލީޑަރުންގެ މައްޗަށް ބަހާލުމުން ރައީސް ޔާމީނާއި އަރާ ހަމަކުރެވޭނެ އެއްވެސް ލީޑަރަކު ނެތްކަން އިންތިޚާބުން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓް އިދިކޮޅު ހަތަރު ލީޑަރުންގެ މައްޗަށް އެއްވަރަށް ބަހާލުމުން ކޮންމެ ލީޑަރަކަށް ވެސް ލިބިވަޑައިގެންފައިވަނީ 33654 ( ތިރީސް ތިން ހާސް ހަސަތޭކަ ފަންސާސް ހަތަރު) ވޯޓެވެ. ރައީސް ޔާމީން ގިނިކަންޏާ ވާދަކުރައްވައި، ނުވަދިހަ ހަހާސް އެއް ސަތޭކަ ތިރީސް ދެ ވޯޓް ލިބިވަޑައިގަތުމުން ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އަދިވެސް ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަން ވަރަށް ރަގަޅަށް މިވަނީ ހާމަވެފައެވެ. ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައި ވީނަމަވެސް އިންތިޚާބުގެ ސައްހަކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އަދި ކޮމިޝަންގެ މެންބަރުންނަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ގަބޫލުކުރާ ރައްޔިތުން މިއަދު ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާއެކު ފެނިގެން ދިޔައީ ސަަރުކާރުގެ ހިންގުމުގެ ތެރެއަށް އަތްބާނައިގެން މުޅި ދައުލަތް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކުރި މަންޒަރެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިއަދުވެސް ހުންނެވީ ރައީސް އަބްދުﷲ ޔާމީންއެވެ.އަދި އިބްރާހީމް މުހައްމަދު ސޯލިޙު އިންތިޚާބު ކާމިޔާބު ކުރެއްވި ހިސާބުން ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނުވާއިރު، އިބްރާހީމް މުހައްމަދު ސޯލިޙުއަކީ މިވަގުތު ދައުލަތް ހުއްޓުވޭނެ ބޭފުޅެއް ނޫނެވެ. މީގެއިތުރުން ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޔާމީން ކޮށްދެއްވި ޚިދުމަތަކީ ދިވެހި ތާރީޚުން ފުހެލެވޭނެ އެއްޗެއް ނޫނެވެ. އަދި އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ފައިސާގެ ބޮޑެތި އެހީތައް ބޭރުގެ ބައެއް ފަރާތްތަކުން ވެދީފައިވާކަމަށް ރައްޔިތުން ތުހުމަތުކޮށްފައިވާ މިދަނޑިވަޅު، ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލު އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލަށް ދިނުމަށް ޑީލްތަކެއް ހަދާފައިވާކަން ވެސް މިހާރު ވަނީ ހާމަވެފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން 800 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމަށް އެމްޑީޕީން މަޝްވަރާކުރިކަން ވެސް މިހާރު ވަނީ ހާމަވެފައެވެ. ދައުލަތުގެ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދިނުމަށް އެއްބަސްވެގެން ވެރިކަން ހޯދި ނަމަވެސް އެއީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެ ހަމަތަކާ އުސޫލުތަކެއް ނޫނެވެ. ވެރިކަން ބޭނުންވި ފަރާތްތަކަށް ކޮންމެ ގޮތެއް ވަރިހަމަ ވިޔަސް، ދިވެހި ރައްޔިތުންނަށް ކޮންމެ ގޮތެއް ވަރިހަމައެއް ނުވާނެއެވެ. ދިވެހިންގެ ތަރިކަ ހޯދުމަށް ދިވެހިން ގުރުބާން ވާނެކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ