ތިމަރަފުށީ ދާއިރާގެ މެމްބަރު އަލުން ޕީޕީއެމަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ކިބައިން ގައުމު ސަލާމަތްކުރެވޭނެ ހަމައެކަނި ބަޔަކީ ޕީޕީއެމާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތައް ކަމަށް ޕީޕީއެމާ މިރޭ އަލުން ގުޅިވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެ އެވެ. ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އެމްޑީޕީން އެދިގެން ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީއާ އިދިކޮޅު މެމްބަރުން ކުރި މަސައްކަތަކީ ރާއްޖޭގެ އިސްތިގުލާލާއި ދުސްތޫރީ ނިޒާމު މުގުރާލިޔަ ނުދިނުމަށް ކުރި ކަމެއް ކަމަށެވެ. ޝަރީފް ވިދާޅުވީ މަޖިލީހުގެ ތެރެއިން ގާނޫނުގެ ނިޒާމު މުގުރާލުމުގެ ފުރުސަތު އެމްޑީޕީއަށް ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް ތާއީދުކުރާ ޑީއާރުޕީގެ ބައެއް މެމްބަރުންނާ އެކު މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް މިހާރު ލިބިފައިވާ އިރު އިދިކޮޅު މެމްބަރުން މަޑުން ތިބެގެން ކާމިޔާބު ނުލިބޭނެ ކަމަށެވެ. "ފުޓުބޯޅަ ކުޅެފިއްޔާ ފުޓުބޯޅަ ކުޅޭނަން. ފައިގަ ތަޅައިފިއްޔާ ފައިގަ ތަޅާނަން. ދަގަނޑު ދިއްކޮށްފިއްޔާ އަޅުގަނޑުމެން ހަކަތަ ދިއްކުރާނަން. ކުޅުނު ކުޅިއަކަށް ކުޅި ކުޅޭނަން. މިފަހަރު އަޅުގަނޑުމެން ދޫ ދިނުމެއް ނެތް،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ހާޒިރުގައި އެ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު އޭނާ ވިދާޅުވި އެވެ. އަބްދުﷲ ޝާހިދަކީ މަޖިލީހުގެ "ކުރީގެ ރައީސް" ކަމަށް ސިފަކުރައްވަމުން ޝަރީފު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ގާނޫނާ ހިލާފަށް އަމަލުކުރެއްވުމުގެ ފުރުސަތު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ޝާހިދަށް ނުދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ހުށަހަޅައިގެން މަޖިލީހުގެ ހާއްސަ ޖަލްސާގައި ފާސްކުރި ގަރާރަކީ ސައްހަ ގަރާރެއް ކަމަށްވާ ނަމަ ޝާހިދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު މެމްބަރުން ފާސްކޮށްފައިވާ ކަމަށާއި އެމަނިކުފާނަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ޝަރީފު ވަނީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ތަސްމީނަކީ ވަރަށް އިހުތިރާމް ކުރާ، ގާބިލް ބޭފުޅެއް ކަމަށްވީ ނަމަވެސް މަޖިލީހުގައި އޭނާ އެމްޑީޕީއަށް ތާއީދުކުރެއްވުމަކީ ތަސްމީނަށް އޮތް އިހުތިރާމް ކުޑަވެގެން ދިޔަ ކަމެއް ކަމަށެވެ. "އަޅުގަނޑު ގަބޫލުކޮށްގެން ހުރީ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ތާއީދުކުރައްވަން ތަސްމީން ނިންމެވި ކަމަށް. އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އެއްބާރުލުން ދޭން އެއްބަސްވި ކަމެއް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެން ނަމަވެސް، އެކަން ފެނުނީ އަޅުގަނޑުގެ ވިސްނުމާ ހިލާފަށް،" އޭނާ ވިދާޅުވި އެވެ. މިދިޔަ އޭޕްރީލް 13ގައި ބޭއްވި ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާއާ ވާދަކުރައްވާ، އެ ގޮޑި ޝަރީފު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. ނަމަވެސް، އޭނާ ވަނީ މޭ މަހުގެ ތެރޭގައި ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގަންނަވާފަ އެވެ. ގައުމީ އިއްތިހާދު ޕާޓީ އަށް ޝަރީފު ސޮއިކުރެއްވުމުން އޭނާ ވެގެން ދިޔައީ އެ ޕާޓީއާ ގުޅިވަޑައިގެންނެވި މަޖިލީހުގެ ފުރަތަމަ މެމްބަރަށެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގެންނެވީ އޭނާގެ ދާއިރާގެ ގިނަ މީހުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ