ސިވިލް ކޯޓުގެ ގާޒީ ޝުޖޫން އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު ވެސް މިއަދު "ހަވީރަ"ށް ކަށަވަރުކޮށް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި "އެފަދަ ސިޓީއެއް" އެ ކޮމިޝަނަށް ވަނީ އިއްޔެ ލިބިފަ އެވެ. އެހެން ނަމަވެސް، ގާޒީ ޝުޖޫން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޝުޖޫން އިސްތިއުފާ ދެއްވި އިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފު ވެފައިވޭތޯ ބަލަން ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ފެށި އެވެ. އެއީ، ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެ އެވެ. މޯލްޑިވްސް ޑީޓެއިނީ ނެޓްވޯކްގެ ފައުންޑަ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝުޖޫން ގެންދަވަނީ، އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ސަބް-ކޮމެޓީ (އެސްޕީޓީ)ގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ. އެކި ގައުމުތަކުގައި ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވޭނެ ގޮތެއް ގާއިމް ކުރުމަށް މަސައްކަތް ކުރާ އެ ކޮމެޓީގައި އޭނާ މަސައްކަތް ކުރައްވާ މިއީ ދެވަނަ ދައުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ