އަފްޣާނިސްތާނުގެ އިންތިހާބުގެ ކުރީގައި އަބްދުﷲ

ކާބުލް (އޭޕްރީލް 14) - އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުން މިހާތަނަށް ސާފުކުރި ނަތީޖާ އިން ކުރީގައި އުޅެނީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ އަބްދުﷲ ކަމަށް އިންޑިޕެންޑެންޓް އިލެކްޝަންސް ކޮމިޝަން (އައިއީސީ) އިން އިއްޔެ ބުނެފި އެވެ. އައިސީސީ އިން ބުނީ 26 ޕްރޮވިންސެއްގެ 10 ޕަސެންޓް ވޯޓު ގުނާ ނިމިފައިވާ ކަމަށާއި މިހާތަނަށް 41.9 ޕަސެންޓުން ކުރީގައި އުޅުއްވަނީ އަބްދުﷲ ކަމަށެވެ. އަދި އޭނާގެ ފަހަތުން 37.6 ޕަސެންޓް ވޯޓާ އެކު އުޅުއްވަނީ ޑރ.އަޝްރަފް ޣަނީ އެވެ. އިންތިހާބުގެ ތިން ވަނާގައި އޮތީ 9.8 ޕަސެންޓާ އެކު ޒަލްމާއީ ރަސޫލް އެވެ. ކޮމިޝަނުން ބުނީ މި ނަތީޖާ އަކީ 500،000 ވޯޓުގެ ނަތީޖާ ކަމަށާއި އެހެންވެ ކުރިއަށް އޮތް ތަނުގައި ނަތީޖާ ވަރަށް ބޮޑަށް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ނުލިބިއްޖެ ނަމަ ދެ ވަނަ ބުރަކަށް ދާން ޖެހޭނެ އެވެ. އެހެން ވެއްޖެ ނަމަ ދެން ވޯޓު ނަގާނީ މެއި މަހުގެ ފަހުކޮޅު އެވެ. އައިއީސީ އިން މިހެން ބުނެފައި ވާއިރު ވޯލްޑް ބޭންކުގެ ކުރީގެ އިކޮނޮމިސްޓެއް ކަމަށްވާ ޣަނީ ވެސް ވަނީ އިންތިހާބުގައި ކާމިޔާބު ލިބޭނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވީ މިހާރުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ އަބްދުﷲ ކަމަށް ވިޔަސް ނަތީޖާ ސާފުކޮށް ނިމޭއިރު އެ ނަތީޖާ ބަދަލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ