އަހުމަދު މަފާޒްގެ މަރާލި މައްސަލައިގައި އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގައިފި

ގަލޮޅު ހިތަށްފިނިވާމަގު، އަލޯރާ ކައިރީގައި ހިންގި މާރީމާރީގައި ސ. މަރަދޫ ހުދުހިރި، އަހުމަދު މަފާޒްގެ މަރާލި މައްސަލައިގައި އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގައިފިއެވެ.
ދައުލަތުގެ ފަރާތުން މިއަދު ހުށައެޅި ސިއްރު ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވަނީ، 7 ޑިސެމްބަރު 2014 ވަނަ ދުވަހުގެ ރޭގެ ދަނވަރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭކައިރީ ހުރި މަގެގެއްގެ ކަންމަތީގައި މީހަކު މަފާޒަށް ހަމަލާދީފައިޥާ ތަން ފެނިފައިވާކަމަށެވެ. އެވަގުތު މަފާޒް އިނީ މަގުމަތީގައި އިށީންދެގެން ކަމަށާއި، އެމީހާގެ އަތުގައި 3 ފޫޓެއްހައި ދިގު އެއްޗެއް އޮތްކަމަށާއި އެމީހާ މަފާޒު ކޮޅަށް ނެގުމަށްފަހު އޭނާގެ ބޮލުގައި އެއެއްޗަކުން ޖަހާފައިވާކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ.
ހެކިވެރިޔާ ބުނެފައިވަނި، މަފާޒް އަށް ހަމަލާދީފައިވާ މީހާއަކީ ކާކުކަން ނޭންގޭ ކަމަށާއި، އެމީހާގެ މޫނު ފެނިފައިނުވާކަމަށެވެ.
ދައުލަތުގެ ފަރާތުން ހުށައެޅި ހެކިވެރިޔާއަށް ސުވާލުކުރުމަށް ދައުވާ ލިބޭފަރާތަށް ދިން ފުރުސަތުގައި ދައުވާ ލިބޭފަރާތުގެ ވަކިލް ސުޥާލެއްކޮށްފައެއް ނުވެއެވެ.
މިއަދުގެ މަޖިލިސް ނިންމާލަމުން ޤާޒީ ބުނެފައިވަނީ، ދެންއަންނަ މަޖިލީހެއްގައި ދައުލަތުގެ ފަރާތުން ހުށައަޅާ އިތުރު ހެކިހުށައެޅުން އޮންނާނޭކަމަށެވެ.
މަފާޒު މަރާލި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ ހ. ބްލޫބާޑް، މުހައްމަދު މިދުހަތުއާއި ހ. އީމާންމަންޒިލް، އަހުމަދު ސައީދާއި ދަފްތަރު ނަމްބަރު 1475، އަޙްމަދު ރިޒާމް ގެ މައްޗަށެވެ.
މީގެ އިތުރުން ޏ. ފުވައްމުލަކު، ލާސާނީ، ވިޝާހު ރަޝީދުގެ މައްޗަށްވެސް މިދައުވާ އުފުލާފައި ވަނިކޮށް ވިޝާހު ވަނީ މިދިއަ ޖޫން މަހުގެ ތެރޭގައި މަރުވެފައެވެ.
މި މައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތު ކުރުމަށް 12 ސިއްރު ހެކީގެ އިތުރުން ގިނަ އަދަދެއްގެ ކިތާބީ ހެކި ހުށަހަޅާފައެވެ. މީގެ އިތުރުން މި މައްސަލައިން ދިފާއުވުމަށް ދައުވާ ލިބޭ ތިން މީހުންވެސް ވަނީ ކޮންމެ މީހެއްގެ ފަރާތުން 3 ހެކިން ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ