ހަމީދު އަވަހާރަވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމް: މައުމޫން

ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ކޮއްކޯފުޅު އަބްދުﷲ ހަމީދު އަވަހާރަވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދީނީ ހައްދުފަހަނައެޅުންތަކާއި ދެކޮޅަށް މިސްރުގެ ގާހިރާގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި ބަިއނަލްއަގުވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ އަބްދުﷲ ހަމީދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގައުމަށް އަގުހުރި އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތުންނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ.
"އަބްދުﷲ ހަމީދު އަވަހާރަވުމަކީ އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އެހާ ގާބިލް އިލްމީ ބޭފުޅަކު ގެއްލިގެން ދިއުމަކީ މުޅި ގައުމަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް،" މައުމޫން ވިދާޅުވި އެވެ.
އަބްދުﷲ ހަމީދު އަވަހާރަވީ މީގެ ދެތިން ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ.
ސަރުކާރަށް 52 އަހަަރު ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގަ އެވެ.
މައުމޫނުގެ ވެރިކަމުގައި އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރު ކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދި މަޖިލީހުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފަ އެވެ. މައުމޫނުގެ ޒަމާންވީ ވެރިކަމަށް ފަހު އަބްދުﷲ ހަމީދު ސްރީލަންކާގައި ދިރިއުޅުއްވި ނަމަވެސް 2013 ވަނަ އަހަރު ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރެއްވި އެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ހަމީދު އަވަހަރާވުމާއި ގުޅިގެން ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ހަމަޖައްސަވާފަ އެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ވަޅުލުމަށްވެސް ވަނީ ނިންމަަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ