ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގައި ހަތަރު ގާޒީއަކާ ބެހޭ ފަސް މައްސަލައެއް ބަލަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއްވެސް ހިމެނެއެވެ. ގާޒީ ހުސެއިން ފާއިޒަކީ މީގެ ކުރިން އެމްޕްލޯއިމެންޓް ޓްރައިބިއުނަލްގެ ރައީސްކަމާއި ސިވިލް ކޯޓުގެ ގާޒީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ދެން ޖޭއެސްސީއިން ބަލަން ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާ ގުޅޭ މައްސަލައަކާއި، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމާ ގުޅޭ މައްސަލައަކާއި ލ. ދަނބިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާ ގުޅޭ ދެ މައްސަލައެކެވެ. މި ތިން ގާޒީންނާ ގުޅޭ އިތުރު މައްސަލަތަކެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. މިއަދު މި ނިންމުންތައް ނިންމި ޖޭއެސްސީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފެވެ. ދެން ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވީ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި މެމްބަރުން، އަބްދުއްރައޫފް އިބްރާހިމް، ހިސާން ހުސެއިން، ޑރ. އަލީ ޝަމީމް އަދި އަބްދުލްމާނިއު ހުސެއިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ