ފަންނު އެކްސްޕޯ 2019ގެ ބައިވެރިންނަށް ވަނަތަކެއް ދީފައި ނިންމާނުލާނެ ކަމަށާއި، އެމީހުންގެ އަތުގައި ހިފައިގެން ކުރިއަށްދާން ސަރުކާރުން ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ އެކްސްޕޯގެ ބޭނުމަކީ، ޒަމާނުއްސުރެ އަތްތެރި މަސައްކަތް ފަދަ މަސައްކަތް ކުރާ މީހުންގެ މަސައްކަތް ބޭރު ފަރާތްތަކަށް ދައްކައި، މަންފާއެއް ހޯދޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން އެ އެކްސްޕޯގެ ބޭނުމަކީ ވަނަތަކެއް ދީފައި ނިންމާލުން ނޫން ކަަމަށާއި، ފަންނުވެރިންނަށް މަސައްކަތުން ނަފާ ލިބޭނެ ގޮތް ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ގަސްތު ކުރަނީ މި ކަންތައްތަކަކީ އޭގެން ނަފާ ލިބޭނެ ކަމަކަށް ހެދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ދަށުގައިވާ އެކި އެކި ޑިޕާޓްމެންޓްތަކާއި، އަދި ވިޔަފާރި ކުންފުނިތައް މެދުވެރިކޮށްގެން، (ފަންނުވެރިންގެ) އަތުގައި ހިފައިގެން، އެ ފަންނުވެރިން ގޮވައިގެން ބާޒާރަށް ނިކުމެ، އެފަރާތްތަކަށް މާކެޓްތައް ހޯދައިދީގެން މި އިންޑަސްޓްރީ ކުރިއަރުވަން" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ފަންނު އެކްސްޕޯއިން ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް އެސްއެމްއީ ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އަންނަ މަހު އެމްއޭސީއެލްގެ ބޯޑާ ގުޅިގެން، އެއާޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކޭނެ ގޮތް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް ހާއްސަ ފިހާރައެއްވެސް އެތަނުގައި ހުޅުވާނެ ކަަމަށް ވިދާޅުވިއެވެ.
ފަންނު އެކްސްޕޯ ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި، އެ އެކްސްޕޯ ގައި ރަން ވަނައަށް ހޮވޭ ފަސް ފަރާތަކަށް ދިނުމަށް ހަމަޖައްސާފައިވާ ފަސް މިލިއަން ރުފިޔާގެ އެއްބަސްވުމުގައި އެސްޑީއެފްސީއާއިއެކު ވަނީ ސޮއިކޮށްފައެވެ.
ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރ 22އިން 28ގެ ނިޔަލަށެވެ. މައުރަޒުގައި ޖުމުލަ ހަ ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
ފަންނު އެކްސްޕޯއިން ވަނަ ހޯދާ ފަރާތްތަކުގެ އަތުގައި ހިފައިގެން ކުރިއަށްދާނަން: އިކޮނޮމިކް މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ