މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހަވީރު 16:00 އިން ރޭނގަޑު 21:00 އަށް ކ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެ ސަރަހައްދަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެން ވާނެ ކަމަށް ބުނެފަ އެވެ.
އެގޮތުން ވައިޖެހޭނީ އިރާއި އިރުދެކުނުން، ދެކުނާއި މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި، އުތުރު އަތޮޅުތަކަށް ގަޑިއަކު 7 މެލާއި 15 މޭލާ ދެމެދު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން މެދުތެރެ އާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ