ނޮޅިވަރަމް ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ ބާތިލްކުރަން އާރިފް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމު ދާއިރާގެ މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ ބާތިލުކޮށްދޭން އެ ދާއިރާގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފްގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.
އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސައިން އަރީފެވެ.
މި މައްސަލައިގަ މިއަދު ބޭއްވި އަޑުއެހުމުގައި އާރިފްގެ ވަކީލް މުހައްމަދު ފަރީދު ވިދާޅުވީ އެ ދާއިރާގެ މާލޭގައި ބެހެއްޓި ފޮށީގެ ވޯޓުލުން ފެށިފައިވަނީ އެ ދުވަހުގެ ހެނދުނު 8:37 ގައި ކަމަށެވެ. އަދި ވޯޓުލުން ލަހުން ފެށިފައިވާތީ ވަގުތު އިތުރުކޮށްދޭނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލުން އެ ތަނުގައި އިއުލާންކުރި ނަމަވެސް އެ ވަގުތު އިތުރުކޮށް ނުދީ ހަވީރު 4:00 ގައި އެ ފޮށި ބަންދުކޮށްފައިވާތީ އެކަމުގެ ސަބަބުން 58 މީހަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ފަރީދު ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓާއި ދެވަނައަށް ދިޔަ އާރިފާ ދެމެދު ހުރީ 22 ވޯޓުގެ ތަފާތު ކަމަށާއި ނަމަވެސް 58 މީހަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިފައިވާތީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެތީވެ އެ ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ ބާތިލްކޮށް، އެ ފޮށީގެ އިންތިޚާބު އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
އެކަންކަން ސާބިތުކުރަން ފަރީދު ވަނީ 22 މީހެއްގެ ނަން ހުށަހަޅައިފަ އެވެ.
ނަމަވެސް ފަރީދުގެ މި ވާހަކަތަށް ރައްދުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ވަގުތު އިތުރުކޮށްދޭނެ ކަމަށް ކުރިން ބުނި ނަމަވެސް 4:00 ގައި ކިޔު ބަންދު ކުރާނެކަން އޭގެ 10 ވަރަކަށް މިނެޓް ފަހުން އަންގާފައިވާނެ ކަމަށާއި ކިޔު ބަންދުކުރި ފަހުން ވޯޓުލާން އައީ އެންމެ މީހެއް ކަމަށާއި އޭނާގެ ވެސް އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ އެކަމާ ގުޅިގެން ވަގުތުން ޝަކުވާ ހުށަހަޅާފައިނުވާ ކަމަށާއި އެ ޝަކުވާއެއް އައީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ކަމަށެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ނަމަވެސް އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ