އިންތިހާބު ހޮނިހިރު ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި
އިލެކްޝަންސް ކޮމިޝަނުންމިއަދު ބާއްވަން ނިންމި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން މިއަދު ނުބޭއްވުމަށާއި، އެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި މިވަނީ މިއަދު އިންތިހާބު ބާއްވާނެކަން އިލެކްޝަން ކޮމިޝަނުން އިއުލާންކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ. ފަތިހު ފަސްގަޑި ބައިކަންހާއިރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަށްފަހު ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ފައިވާ ވަގުތަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުރިހަމަ ގޮތުގައި ލިބިގަނެވޭނެފަދަ އެކަށީގެންވާ ވަގުތެއް ނޫންކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރު މިއަދު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ނޮވެމްބަރު އެގާރައިގެ ކުރިން އިންތިހާބު ނުބޭއްވިއްޖެނަމަ ދިވެހި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ސުޕްރީމް ކޯޓްގެ ދެ ހުކުމަކުން އެކަމަށް ހައްލެއް ހޯދާދީފައިވާނެ ކަމަށް ބުނެފައިވެއެވެ.
ހަމައެކަނި ސުޕްރީމް ކޯޓްގެ ތައްގަނޑު ޖަހާފައި ނެރުނު އަމުރުގައި ބުނެފައިވަނީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ނުބޭއްވުމަށާއި، އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވާ ސޯޅަ ނޮވެމްބަރަކީ ދެވަނަ ބުރު ބޭއްވުމަށް އެކަށީގެންވާ ތާރީޚެއް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންސްއާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މަށްޗަށް އަންގާ އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު އައިސްފައި މިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ހުށައެޅި މައްސަލައިގެ އަޑުއެހުމެއް ރޭ ބޭއްވުމަށްފަހުއެވެ. ޖުމްހުރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ސުޕްރީމް ކޯޓަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބާއްވައިފިނަމަ އިންތިހާބީ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. އަދި ދެވަނައަށްދާ ކެންޑިޑޭޓާއި ތިންވަނައަށް ދާ ކެންޑިޑޭޓް އެންޑޯސްކުރުމަށް ފުރުސަތު ގެއްލި ކެމްޕެއިން ކުރުމުގެ ފުރުސަތުވެސް ގެއްލިގެންދާނެ ކަމަށް އެސީޓީގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ