މެމްބަރު އަސްލަމް, އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންވަރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ޞާލިހް, އިބޫ ރާއްޖޭގެ ރައިސުލް ޖުމްހުރިއްޔާކަމުގެ މަގާމަށް އިންތިހާބު ވުމާއި ގުޅިގެން ހުސްވެފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.
ޕީޖީ ލީޑަރުކަމަށް އިއްޔެ އައްޔަން ކުރެވުނު މެމްބަރު އަސްލަމް އަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ. އަސްލަމް މަޖިލީހުގައި މަސައްކަތް ކުރައްވާތާ 14 އަހަރުވަނީ ވެފައެވެ.
އައްޑޫލައިވް އިން އިއްޔެ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ޕީޖީ ލީޑަރުކަމަށް އިންތިހާބު ކުރުމާއި ގުޅިގެން އެންމެ ހާއްސަ އިސްކަމެއް ދެއްވާނީ މަޖްލިސް ތެރެއިން ޕާޓީތަކާއި ގުޅިގެން މިހާރު އޮތް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށްކަމަށެވެ.
ފާއިތުވެދިޔަ ދެ ދައުރުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ އަސްލަމް މަޖިލީހާއި ގުޅިވަޑައިގަތީ 2004 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އައްޑޫ ދާއިރާ އިން ހޮވި ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރުގެ ގޮތުގައެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމަވާފައިވާ އަސްލަމަކީ މަޖްލިސްއަށް އެންމެ ގިނަ ވޯޓު ހޯދައިގެން 2004 ވަނަ އަހަރު ހޮވުނު މެމްބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ