މާލެ ސަރަހައްދަށް މިއަދު މޫސުން ރަނގަޅުވާނެ- މެޓް އޮފީސް

މާލޭ ސަރަހައްދަށް މިއަދު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ޗެނަލް13އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ރަނގަޅު ވާނެ ކަމަށް. އެހެންނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް އެކަށީގެންވާ ކަމަށެވެ. އަދި ހުރިހާ ހިސާބަކަށްވެސް ވައި މަޑު ވާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި، އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި، އިރުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ކުރި ވިއްސާރައާއި ގުޅިގެން، މާލެއަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފެން ބޮޑުވުމުގެ ސަބަބުން އިއްޔެ މާލޭގެ 130 އަށް ވުރެ ގިނަ ގެއަށް ފެންވަދެ 70އަށް ވުރެ ގިނަ ގެއިން ކަރަންޓްގެ ޚިދުމަތް ވެސް މެދުކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ