ސިޔާސީ ދާއިރާއަށް އެނބުރި އައީ ރައްޔިތުން އެދޭތީ ކަމަށާއި އަމިއްލައަށް ނައިބް ރައީސް ކަމަށް ދަހިވެތި ވެގެން އަމިއްލަ ބޭނުމަކަށް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް، އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ " ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވުމަސް ފޯން ކޯލެއް އައީ ކިޔަވާދޭ ދަރިވަރުންގެ އިމްތިހާން ކަރުދާސް މާކް ކުރަން އިންނަވަނިކޮށް ކަމަށާއި އޭނާ އަކީ އެކަމަށް އިންތިޒާރު ކޮށްގެން ޓައި އަޅައިގެން އިން މީހެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ. އެ ހުށަހެޅުން އައުމާ އެކުގައި ހެޔޮއެދޭ އެކުވެރިންނާއި ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރި ކަމަށާއި އެމެންވެސް ނަސޭހަތްދީ، އެދިވަޑައިގެންނެވީ އެކަމާ ހަވާލުވެ އިސްލާމްދީނަށް ހިދުމަތް ކުރުމަށް އެނބުރި ދިއުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެހެން ކަމުން ހިކުމަތްތެރި ނިންމުން އަންނަންވާނީ ހާލަތާ ވަގުތާ ގުޅިގެން، އެނބުރި އައުން ވެގެން މިދިޔައީ ރައްޔިތުން އެދޭތީ އެނބުރި އައުމެއް، އަމިއްލަ އަށް ދަހިވެތިވެގެން އާ އައުމެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އޭނާ އަކީ ވަރަށް ނަޒާހަތްތެރި ތާރީހެއް އޮތް ބޭފުޅެއް ކަމަށެވެ، އަދި ރައްޔިތުންނަށްވެސް ޔަގީންކޮށްދޭން ބޭނުންވަނީ ނަޒާހަތްތެރިކަމާއި ވަފާތެރިކަން މަތީގަ ދައުލަތަށް ހިދުމަތް ކުރާއްވާނެކަމުގެ ޔަގީންކަން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ރަނިންމޭޓް ކަން ބަލައިގެން މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށާއި އެންމެ ފުރަތަމަ އަސާސަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށްވާ އިސްލާމްދީން ދެމެހެއްޓުމުގެ މަތިވެރި އަޒުމްގައި ރައީސް ޔާމީން ތަކުރާރު ކުރައްވަމުން ގެންދަވާ ބަސްފުޅުތަކާއި އެކަމަށް ގާއިމް ކޮށްފައިވާ މުއައްސަސާތަކުގެ ސަބަބުން ކަމަށެވެ.
ދެވަނަ ކަމަކީ ރާއްޖޭގެ އިޖްތިމާއީ ސިއްހީ އަދި ތައުލީމީ ނިޒާމް ގާއިމް ކުރުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކަމަށެވެ. އަދި ތިން ވަނަ ކަމަކީ ދިވެހި ދައުލަތް ނެގެހެއްޓުމަށްޓަކައި ކުރެވެމުންދާ މަސައްކަތް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
"ރަނިންމޭޓް ކަން ބަލައިގެން މައިގަނޑު ތިން އަސާސެއް ބަޔާން ކޮށްދޭނަން، ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށްވާ އިސްލާމްދީން ދެމެހެއްޓުމުގެ މަތިވެރި އަޒުމްގައި އެމަނިކުފާނު ތަކުރާރު ކުރައްވަމުން ގެންދަވާ ބަސްފުޅުތަކާއި އެކަމަށް ގާއިމް ކޮށްފައިވާ މުއައްސަސާތައް، ވަރަށް ގިނަ މުއައްސަސާތައް ވަނި ގާއިމް ކުރެވިފަ އިސްލާމީ ތަރިކަ ގާއިމްކުރުމަށް،" ޝަހީމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ކޮރްޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ޝަހީމް ވިދާޅުވީ، މާޒީއަށް ބަލާއިރު ކޮރަޕްޝަން ނެތް އެއްވެސް ސަރުކާރެއްނެތް ކަމަށާއި ރާއްޖޭގެ ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. މި ސަރުކާރުގައިވެސް އިސްލާހު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ތިއްބެވީ ވަރުގަދަ އަޒުމެއްގައި ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ، އިމްރާން އަކީ ވަރަށް ގާތް އަހެއް ކަމަށާއި އަހެއްގެ ހައިސިއްޔަތުން އެދެނީ އޭނާއާ ގުޅުމަށް ކަމަށެވެ. އަދި އަހުވަންތައްކަން އަދިވެސް އެބައޮތް ކަމަށާއި އެ އަހުވަންތަކަން ކުރިއަށް އޮތް ތަނުގައިވެސް އޮންނާނެ ކަމަށެވެ. އެކަން އިމްރާނަށްވެސް އިނގިވަޑައިގަންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެކަމަކު ސިޔާސީ މަޝްރަހުގައި އިމްރާން ނެގި ޑިސިޝަނަކީ އަޅުގަނޑަށް ގަބޫލު ނުކުރެވެ ޑިސިޝަނެއް، ސިޔާސީ ގޮތުން އެހެންވެގެން ވަކިވެގެން ދިޔައީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އިމްރާން މިވަގުތު ހުރީ ޖަލު ހުކުމެއްގައި ކަމަށާއި އިމްރާން މިނިވަން ކުރުމަކީ އޭނާ ރައީސް ކައިރީ ދަންނަވައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރުމަށް ދުސްތޫރީ ވަކި ކަހަލަ ހަމަތަކެއް އެބަހުރި ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އިމްރާން ސިޔާސީ ހަރަކާތްތަކަށް ވަނުމަށް އޭނާ ވަރަށް ދެކޮޅު ހެއްދެވި ކަމަށާއި އިމްރާން ބަންދުވެގެން ދިޔާމަ ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ކަމަށެވެ. އަދި މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި ކަމަށާއި އެއީ އަމިއްލަ ނިންމުމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އެނބުރި އައީ ރައްޔިތުން އެދޭތީ، ނައިބް ރައީސް ކަމަށް ދަހިވެތި ވެގެންނޫން: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ