ހުކުރު ހުތުބާ: ދުނިޔެއަކީ ދާއިމީ ތަނަކަށް ނުވާ ފަދައިން، ކުރިމަތިވާ ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫނެވެ.

މި ދުނިޔެއަކީ ދާއިމީ ތަނެއް ކަމުގައި ނުވާ ފަދައިން އަޅުގަނޑުމެންނާ ކުރިމަތިވާ ހިތާމަތަކާއި ތަދުމަޑުކަމާއި ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ދުނިޔޭގެ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށް ފަހު އެތައް ސަތޭކަ ފަސޭހަތަކެއް އަންނާނެ ކަމަށް ﷲ ވަނީ ވައުދުވެ ވޮޑިގެންފައިވާ ކަމަށެވެ. އަދި ﷲގެ ރަހްމަތުން އިންސާނާ މަހްރޫމް ކުރުވަނީ އެ އިންސާނާ އެކަނލާގެ ރަހްމަތުން މާޔޫސް ވުމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ އެ މީހަކު ހުރި ތަނެއްގައި ދިގު މުއްދަތަކަށް ބަންދުވެ ތިބެން ޖެހުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓި ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ. އަދި އާމްދަނީގެ މަގުތައް ހަނިވުމުންނާއި އިހު އުޅުނު ގޮތަށް މިނިވަންކަމާ އެކު ހެލިފެލިވެ އުޅެވޭން ނެތުމުގެ ސަބަބުންނެވެ. މިކަންކަމުން ހައްޓަށް ވެރިވާ ބުރަހެލިކަމާއި ހިތަށް ވެރިވާ ހިތްދަތިކަމުން މިންޖުވުމަށް ޓަކައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި ކަމަށާއި އެންމެ މުހިންމު ކަމަކީ ﷲ ތައާލާގެ ތަނަވަސް ރަހުމަތަށް އެދި ދެންނެވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"މާތް ނަބިއްޔާ އަށް ރަސޫލުކަން ލިބިވަޑައިގެންގެވިތާ ހަތް ވަނަ އަހަރުގައި މައްކާގެ ޤުރައިޝުން އިތުރު އެކަލޭގެފާނަށް ދަތިކޮށް އުނދަގޫ ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ޤަބީލާގެ އެންމެންނާ އެކު ޝިއުބު އަބީ ތާލިބުގައި ތިން އަހަރު ވަންދެން ބަންދުކޮށްފައި ބޭތިއްބިއެވެ. މި މުއްދަތުގެ ތެރޭގައި މުސްލިމުންނާ އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން ކާބޯ ތަކެއްޗަށާއި އެނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް މުސްލިމުންނަށް ދަތިވިއެވެ. އެހެން ނަމަވެސް މުސްލިމުގް ﷲގެ ތަނަވަސް ރަހުމަތާ މެދު މާޔޫސެއް ނުވެއެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ ޖިސްމާނީ ސިއްހަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. ހިތްދަތި ކަމައި ހާސްކަމުން މިންޖުވުމަށްޓަކައި ނަފްސަށް އަޅައިލުން ވަރަށް މުހިންމު ކަމަށާއި އެއްތަނެއްގައި ބަންދުވެގެން ތިބެން ޖެހުނަސް ނަފްސަށް ބޭނުންވާ ރޫހާނީ ޣީޒާ ކަމުގައިވާ އަޅުކަމާއި ޖިސްމަށް ބޭނުންވާ ކަސްރަތާއި ސުއްހަތަށް ފައިދާހުރި ކާނާ އާއި ސިއްހީ މިންގަނޑުތަކަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"މުސްލިމް އަހުންނޭވެ! ނަފްސާނީ ހިތް ހަމަޖެހުން އޮތީ ހާލިގުވަންތަ ﷲގެ ރަހްމަތަށް އެދި ދުއާ ދެންނެވުމުގައި ސާބިތުވެ ތިބުމުގައެވެ. އެކަލާނގެ ރަހްމަތްފުޅާ މެދު އެއްގޮތަކަށް ވެސް މާޔޫސް ނުވެ ވޭނާއި ތަދާއި އުދާސްތަކަށް ކެތްތެރިވުމުގައެވެ. މި ދުނިޔެއަކީ ދާއިމީ ތަނެއް ކަމުގައި ނުވާ ފަދައިން އަޅުގަނޑުމެންނާ ކުރިމަތިވާ ހިތާމަތަކާއި ތަދުމަޑުކަމާއި ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ