ބޮޑެތި ކުށްތައް ސާބިތުވެ ޖަލަށް ޙުކުމްކޮށްފައިވާ ޤައިދީންތަކެއް މިނިވަންކުރުމަށް 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކުން އަލުން "ޝަރަޙަ" ކޮށްފިއެވެ.
އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަލީ ޙުސެއިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަފްޞީލުކޮށްދީ އޭގެ ޙަޤީޤީ ބޭނުން ވިދާޅުވެފެއްވާފައެވެ.
އެގޮތުން އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުނީ ސަރުކާރު ވައްޓާލުމުގެ މަޤްޞަދުގައި ނޫންކަމަށެވެ. ނަމަވެސް އެއަމުރަކީ އެކޯޓުން މީގެ ކުރިން ކޮށްފައިވާ ބައެއް ޙުކުމްތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ހުރުމުން އަލުން ޙުކުމް މުރާޖާކުރުމަށް ނެރުނު އަމުރެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިންގެ ވާހަކަފުޅުގައި ސަރުކާރު ވައްޓާލަން ސުޕްރީމް ކޯޓުގެ އެއްވެސް މަޤްޞަދެއް އޮތްނަމަ އަމުރުގައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް އެދިފައިވާނެކަމަށް ވިދާޅުވިއެވެ.
އޭނާ މިފަދައިން ވިދާޅުވިއިރު މިއަމުރު ނެރުމާއެކު ސިފައިން ސުޕްރީމް ކޯޓަށް ދިޔައިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް، މަޤާމުން އަޒަލު ކުރުމުގެ އަމުރެއް ނެރުމަށް ސުޕްރީމް ކޯޓުން ތައްޔާރުވަމުން ދިޔަކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އިތުބާރު ހުރި މަސްދަރުތަކުން މިކަން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ.
އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ދިފާޢުކޮށް ވާހަކަ ދައްކާފައިވާއިރު، މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ވަނީ "އަޅުގަނޑުމެން އަމުރެއް ނެރުމުން ކަމަކު ނުދިޔަ" މިފަދައިން ވިދާޅުވެ، އެއަމުރަކީ ސީދާ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއްކަމަށް އެއްބަސްވެވަޑައިގެންފައެވެ.
1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކުން "ޝަރަހަ" ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ