މޫސުން ގޯސްވެ ނެރުނު އެލާޓް ގެ މުއްދަތު އިތުރުކޮށްފި

މޫސުން ގޯސްވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ޔެލޯ އެލާޓުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޅ.އަތޮޅާއި ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ނެރުނު އެލާޓް އިތުރުކޮށްފައި ވަނީ މިއަދު ހަވީރު 17:00 އާ ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު އެ އެލާޓްގައި ބުނެފައިވާގޮތުގައި، މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރަށް ގުގުރާމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި މެދުތެރެއަށާއި ދެކެނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ، އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުންވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
ޔެލޯ އެލާޓްއަކީ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވުމުން މުށުމަށް ސަމާލުވެ އުޅުމަށް ނެރޭ އެލާޓެކެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ.
އަދި މި އެލާޓްގެ މުއްދަތުގައި ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ ވެސް އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ