ބިލް ނުދައްކައިގެން ރަތަފަންދޫން ކަރަންޓް ކަނޑާލި ގޭގެ އިން ބިލް ދެއްކުމުން ވެސް މައްސަލަ ހައްލުނުވާ ކަމަށް ރަށު އޮފީހުން ބުނެފި

ގދ. ރަތަފަންދޫގައި ކަރަންޓްގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން އަޕާ ސައުތު ޔުޓިލިޓީޒް ކުންފުނިން ކޮށްފައިވާ އިޢުލާނާ ހިލާފަށް ކަރަންޓް ބިލް ހަދާފައިވާ ކަމަށް ބުނެ ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލި ގޭގެ އިން އިއްޔެ ބިލް ދެއްކި ނަމަވެސް އެމައްސަލަ އަދިވެސް ހައްލު ނުވާ ކަމަށް ރަށު އޮފީހުން ބުނެފި އެވެ.ރަތަފަންދޫ ކައުންސިލަރު ފަތުހުﷲ ބަޝީރު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރައްޔިތުންގެ ޝަކުވާ އަކީ ޔުޓިލިޓީސް ކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތަށް ހަމަހަމަ އުސޫލަކުން ކަރަންޓް ދެމުން ނުދާ މައްސަލަ ކަމަށެވެ. އަދި ކަރަންޓް ބިލް ނުދައްކާ ގޭގެއިން ކަރަންޓް ބިލް ދެއްކި ނަމަވެސް އަދިވެސް އެ މައްސަލަ މުޅިން ހައްލުވެފައި ނުވާ ކަމަށާއި މިހާރު ވެސް ގިނަ ބަޔަކު ރަށު އޮފީހަށް އެކަމުގެ ޝަކުވާ ހުށަހަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އަޕާ ސައުތް ޔުޓިލިޓީސުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 01 އޮކްޓޯބަރު 2010 ން ފެށިގެން ގދ. އަތޮޅާއި ގއ. އަތޮޅުގެ ރައްޔިތުންނަށް ސަރުކާރުން ސަބްސިޑީޒް ދިނުމަށް ނިންމުމާ ގުޅިގެން ކަރަންޓް ފީ ހަމަ އަގަށް ގެނައުމަށްޓަކައި 26 އޮކްޓޯބަރުގައި އެނާޖީ އެތޯރިޓީން ފާސްކޮށްފައިވާ ކަރަންޓް ފީއަށް ބަދަލުގެނެސް ނޮވެމްބަރު 2010 ފެށިގެން އެގޮތަށް އަމަލް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން 300 ޔުނިޓަށްވުރެ މަތިން ކަރަންޓް ބޭނުންކުރާ ގޭގޭގެ އަދި ކުދި އަދި މެދު ވިޔަފާރިތަކުން ޔުނިޓަކަށް ޗާޖްކުރާނީ 5.50ރ. ކަމަށް އެބަޔާނުގައިވެ އެވެ.ނަމަވެސް އެޕްރޮވިންސްގެ ގައްދޫ އާއި ވިލިނގިއްޔާއި ތިނަދޫގައި 300 ޔުނިޓަށްވުރެ މަތިން ނަގަނީ 3.50 ރުފިޔާ ކަމަށް ރަށު އޮފީހުން ބުނެ އެވެ.ރަށު ކައުންސިލަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޔުޓިލިޓީޒް ކުންފުނީގެ މެނޭޖަރާ ވާހަކަ ދައްކާފައިވާ ކަމަށާއި އަދި އެކަމުގައި އެފަރާތުން ދެއްވާ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. ޕްރޮވިންސްގެ ހުރިހާ ރަށްރަށަކަށް އޮތް އިޢުލާނެއް ވަކި ރަށެއް އިސްތިސްނާވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ޔުޓިލިޓީސް ކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ރަށްރަށުގައި 300 ޔުނިޓުން މަތިން ކަރަންޓް ބޭނުން ކުރާ ގޭގެއަށް ބިލް ކުރަމުންދަނީ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ނަމަ ތިނަދޫ އާއި ގައްދޫ އަދި ވިލިގިނލީގައި ދަށު ޔުނިޓުތަކަށް ނަގާ އަގުތައް ހަމަހަމަ. އެކަމަކު 300 ޔުނިޓަށް ވުރެ ބޮޑުކޮށް ނަގާ ޔުނިޓުތަކުން ނަގާ މިންވަރު އެތިން ރަށާ އަޅާބަލާއިރު އެހެން ރަށްރަށުގައި ނަގާ މިންވަރު ބޮޑު." ބަޝީރު ވިދާޅުވި އެވެ.ރަތަފަންދޫގެ ނުވަ ގެއަކުން މިދިޔަ މަހުގެ ބިލް ނުދައްކައިގެން ރެޑް ނޯޓިސް ދިނުމަށް ފަހު ކަރަންޓް ކަނޑާލީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ރަތަފަންދޫ އިންޖީނުގެ އާއި ރަށު އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރުމަށް ފަހު ޑިސްޓްރިބިއުޝަން ފޮށިތައް ހުޅުވައިގެން ގިނަ އަދަދެއްގެ ގެތަކަކުން ކަރަންޓް ކަނޑާލައިފަ އެވެ.ކަރަންޓް ބިލްތަކުގެ މައްސަލަ ރަށު ތެރޭގައި ހޫނުވި މައްސަލައާ ގުޅިގެން ރަތަފަންދޫ އިންޖީނުގޭ މެނޭޖަރު އަހުމަދު ސައީދު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިލްތަކުގެ މައްސަލައެއް އުޅޭ ކަމަށް ބުނެ ކަރަންޓް ބިލް ނުދައްކާ އޮތް ނުވަ ގެއަކުން ކަރަންޓް ކަނޑާލުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކަރަންޓް ބިލް ދައްކާފައި ހުރި ބައެއް ގޭގެއިން އިއްޔެ ކަރަންޓް ކަނޑާލި ކަމަށާއި ނަމަވެސް ފަސް ވަރަކަށް މިނެޓް ފަހުން އިންޖީނުގެ އިން އެގޭގެ އަށް އަލުން ކަރަންޓް ދީފައިވާ ކަމަށެވެ.ސައީދު ވިދާޅުވީ ރައްޔިތުން ބިލް ނުދައްކާ ވަނީ ތިނަދޫ ބިލްތަކާއި ރަތަފަންދޫގެ ބިލްތަކާ ބިލް ކުރުމުގައި ތަފާތުތަކެއް ހުރުމުން ކަމަށާއި ނަމަވެސް ދެ ދެރަށުގައި ކޮށްފައިވާ އިއުލާނަކީ ތަފާތު ދެ އިއުލާނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ބިލް ނުދައްކާ ގޭއިން ކަރަންޓް ކަނޑާލީ ބިލް ފޮނުވުމަށް ފަހު ޑިއުޑޭޓް ހަމަވާން 10 ދުވަސް އޮއްވައި ރެޑް ނޯޓިސް އެއްވެސް ފޮނުވުމަށް ފަހު. އެ ނުވަ ގެއަކީ 300 ޔުނިޓަށް ވުރެ މައްޗަށް ކަރަންޓް ބޭނުންކޮށްފައި ހުރި ގެތައް. އަދި ބިލްތައް ހަދާފައި ވަނީ ރަތަފަންދޫގައި ބިލް ކުރާނެ ކަމަށް ކޮށްފައިވާ އިޢުލާނާއި އެއްގޮތަށް،" ސައީދު ވިދާޅުވި އެވެ.ކަރަންޓްގެ މައްސަލާގައި ރަތަފަންދޫގައި އިއްޔެ ހިނގައިދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. ފުލުހުންގެ ސަބް އިންސްޕެކްޓަރު އޮފް ޕޮލީސް އަހުމަދު ޝިޔާމް ވިދާޅުވީ އިއްޔެ ހެނދުނު ރަތަފަންދޫ ރަށު އޮފީސް ކައިރީގައި ހަމަނުޖެހުން ހިންގަމުންދިޔަ މީހުންގެ ތެރެއިން އެކަކު އެކަންތައް ހިނގައިދިޔަ ގޮތުގެ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެމައްސަލައާ ގުޅިގެން  އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ