އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަ (އެސްޕީޓީ) އަށް ރާއްޖޭގެ ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު އަނެއްކާވެސް އިންތިހާބުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޝުޖޫން މިމަގާމަށް އިންތިހާބުކުރީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަ (އޯޕީސީއޭޓީ) ގަރާރު ބަލައިގެންފައިވާ ގައުމު ތަކުގެ ފަސްވަނަ ބައްދަލުވުމުގައި ކަމަށެވެ. އެސްޕީޓީ ކޮމިޓީއަށް 2010 ވަނަ އަހަރުވެސް ޝުޖޫން އިންތިހާބުވެފަވާއިރު އަލުން އޭނާ އެ މަގާމަށް އިންތިހާބުވީ 70 ގައުމުގެ ތެރެއިން 63 ގައުމެއްގެ ބޮޑު ތާއީދާއެކު އެވެ. އޭނާގެ ދެވަނަ ދައުރު ފައްޓަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އައިޝާ ޝުޖޫން އަކީ ބައެއް މަދަނީ ޖަމިއްޔާތައް އުފައްދައިގެން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެސްޕީޓީ ކޮމިޓީއަށް ޝުޖޫން ދެވަނަ ދައުރަކަށް އިންތިހާބުވުމާ ގުޅިގެން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވަނީ ޝުޖޫން އަށް މަރުހަބާ ދަންނަވާފަ އެވެ.
ދުންޔާ ވިދާޅުވީ ޝުޖޫން ދެވަނަ ދައުރަކަށް އިންތިހާބުވީ އޭނާ މިނިވަންކަމާއެކު ކޮށްދެއްވި މަސައްކަތުންނާއި އޭނާ އަކީ އެކަމަށް ގާބިލް ބޭފުޅެއް ކަމަށް ގައުމުތަކުން ބަލައިގަތުމުން ކަމުގަ އެވެ. އަދި ޝުޖޫންގެ ކާމިޔާބީން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި އަނިޔާ ހުއްޓުވުމަށް ރާއްޖެއިން އަދާކޮށްފައިވާ ދައުރު ބައިނަލްއަގުވާމީ ގައުމުތަކުން ބަލައިގެންފައިވާ މިންވަރު ސާބިތުކޮށްދޭ ކަމަށްވެސް ދުންޔާ ވިދާޅުވި އެވެ.
އެސްޕީޓީ އަކީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ދާއިރާގައި 2007 ވަނަ އަހަރު އުފެދުނު ސަބް ކޮމިޓީ އެކެވެ. އެސްޕީޓީގެ މައިގަނޑު މަސައްކަތަކީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.
އދ. ގެ އެސްޕީޓީ ކޮމިޓީއަށް ގާޒީ ޝުޖޫން އަނެއްކާވެސް އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ