ނާސިރުގެ މޫރިތިކަމުގެ ސިފަ ވެރިންގެ ކިބައިން ފިލައިގެން ދިއުމުން ހިތާމަކުރަން: ގާސިމް

ރާއްޖޭގެ ކުރީގެ ރައީސް އަދި މިނިވަންކަމުގެ ބާނީ އިބްރާހީމް ނާސިރުގެ ވެރިކަމުގެ މޫރިތިކަމުގެ ސިފަ، ނާސިރަށްފަހު ހަވާލުވި ވެރިންގެ ކިބައިން ފިލައިގެން ދިއުމުން ހިތާމަކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި ފަދައިން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ރޭ ބޭއްވި “ދިވެހިންގެ ގައުމު ދިވެހީންނަށް، މިނިވަން ދުވަސް 2023” ކެމްޕޭން އިވެންޓުގައެވެ.
އަދި އެ އިވެންޓުގެ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 58 އަހަރުވެފައިވާ އިރު، ދިވެހިން މިތިބީ ކޮން ހާލެއްގައިތޯ ކަމާމެދު ދިވެހިން ސުވާލުކުރާ ކަމަށެވެ. އަދި ގާސިމް އިތުރަށް ވިދާޅުވީ ދިވެހިން މިއަދު ގޮވަނީ ދިވެހިންނަށް ދިވެހި ގައުމު ލިބެންޖެހޭނެ ކަމަށެވެ.
“ރައީސް އިބްރާހީމް ނާސިރު ރާއްޖެ މިނިވަންކުރެއްވި އިރު، ރާއްޖެ އޮތް ހާލަތާ މިއަދާ ކިތަންމެހާ ވެސް ތަފާތު. ނަމަވެސް އެ ހޯދަވައިދެއްވި މިނިވަންކަމާއި، ނުގުޑާ ފަދަ އަޒުމާއި، މޫރިތިކަން ދިވެހި ވެރިންގެ ކިބައިން ފިލައިގެން ދިޔަ ކަމީ ހިތާމައިގެ ކޮޅެއްނެތްހާ ދެރަކަމެއް،” ގާސިމް ވިދާޅުވިއެވެ. ރާއްޖެ މިހާރު ދެކެމުންމިދާ ތަރައްގީގެ ބާނީއަކީ ނާސިރު ކަމަށާއި ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ނާސިރު ފެއްޓެވީ ސުމަކުން ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް، ރާއްޖެ ކުރިން ދެކިފައިނުވާ ފަދަ އިޖުތިމާއީ ދުޅަހެޔޮކަމާއި، އިގުތިސޯދީ ތަރައްގީއާއި، ހިންގުމުގެ ދާއިރާއަށް ގެނައި ބަދަލުގެ އިތުރުން މުވާސަލާތީ ގޮތުންނާއި ސިއްހީ އަދި ތައުލީމާ ގޮތުން ރާއްޖެ ބިނާކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ނާސިރު ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މައި އިގުތިސޯދު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ މިހާ ހިސާބަށް އައިސްފައި މިވަނީ ވެސް ނާސިރުގެ ބުރަ މަސައްކަތުން ކަމަށްވެސް ގާސިމް ފާހަގަކޮށްފައިވެއެވެ.
“ހަމަ އެހެންމެ އެތެރޭގެ ހަމަނުޖެހުންތައް ނައްތާލައި ގައުމު ބައިބައިވުމުގެ ނުރައްކަލުން ސަލާމަތްކުރެއްވި ބަތަލަކީވެސް މަރުހޫމް އިބްރާހީމް ނާސިރު. މީގެ އިތުރުން އެމަނިކުފާނަކީ ގައުމުގެ އިގުތިސޯދު ސުމަކުން ފަށައިގެން ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތުގައި އެއީ ގައުމުގެ އިގުތިސޯދުގެ މައި ދެ ތަނބުގެ ގޮތުގައި ތަރައްގީކުރެއްވި ބޭފުޅާވެސްމެ،” ގާސިމް ވިދާޅުވިއެވެ.
މި ޤައުމުގެ ދަތުރުފަތުރުކަމުގެ ދަތިކަން ނައްތާލައި، ދަތުރުފަތުރުގެ މިނިވަންކަން ހޯދައިދެއްވީ ނާސިރު ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބާނީއަކީ ވެސް ނާސިރު ކަމަށް ގާސިމް ވިދާޅުވިއެވެ. ހަމައެފަދައިން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ހާރިޖީ ސިޔާސަތަށް ތައުރީފުކުރައްވަމުން ގާސިމް ވިދާޅުވީ މައުމޫނުގެ ވެރިކަމުގައި ރާއްޖެއަކީ ފުރިހަމަ މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުނު ގައުމެއް ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "aa06be9f30c18af6aab77921ca67df10" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ