މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީތައް ގުނާނެ ދުވަސްތަކަށް ވެގެން ދާނެ: ޝިއުރީ

އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން މި އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީތައް ގުނާނެ ދުވަސްތަކަށް ވެގެން ދާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަ ކުރުމަށް އެމްއެމްޕީއާރުސީ ވަނީ އަލީބާބާ ކުންފުނީގެ ދަށުން ހިންގާ އެ ގައުމުގެ މަޝްހޫރު ފްލިގީއާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން ޝިއުރީ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ފްލިގީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ ނައިބު ރައީސް ޓޮންގް ޓެންގ އެވެ.
އެއްބަސްވުމުގައި ސޮއި ކުރައްވައި ޝިއުރީ ވިދާޅުވީ، މީގެ ސަބަބުން ޗައިނާގ މާކެޓުގައި ރާއްޖެއަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބުކަމެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިއްމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.
ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
ވިލާ ރިސޯޓްސްއާ ގުޅިގެން ވިޒިޓް މޯލްޑިވްސް ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ސަބަބުން ރާއްޖެއަކީ މައިސް ފަތުރުވެރިކަމަށް ވެސް ފުރުސަތުތަކެއް ހުރި މަންޒިލެއްކަން އެނގިގެންދާނެއެވެ. އެގޮތުން ވިޔަފާރި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ހަފްލާތައް ބޭއްވުމަށް އެންމެފުރިހަމަ މަންޒިލްގެ ގޮތުގައި ރާއްޖެ ދުނިޔެއަށް ދައްކާލެވޭނެއެވެ.
އެމްއެމްޕީއާރްސީއިން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓުތަކުގެ ރާއްޖޭއާ މެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަޤުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި، ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެމްއެމްޕީއާރްސީ ބުނީ އަމާޒަކީ މާކެޓް ރީޗް ފުޅާކޮށް، ފަތުރުވެރިކަމުގެ ސެގްމެންޓްތައް ޑައިވާސިފައިކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކާއި ގުޅިގެން، ފަތުރުވެރިން ގެނައުމުގައި ކުރިއެރުންތަކެއް ހޯދުން ކަމަށެވެ.
ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް މަގުބޫލު މަންޒިލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ