ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި މިހާރު ވަނީ މަގުމަތީގެ ނިޝާންތައް ކުރެހުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ޓްރެފިކް ބޯޑުތައް ހަރުކޮށް ނިންމާފައެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ވެސް މިހާރު ވަނީ ތާރު އަޅާ ނިންމާފައެވެ. އެމްޓީސީސީން ބުނީ އެ ސަރަހައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޓްރެފިކް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާކިން ޒޯންތަކާއި ދުވާރުތައް ހެދުމުގެ މަސައްކަތަށެވެ.
މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ މި މަޝްރޫއު ކުރިން ނިންމުމަށް ތާވަލުކޮށްފައި އޮތީ ޖޫން މަހަށެވެ. ނަމަވެސް، މަޝްރޫއަށް ދިމާވި ބައެއް ލަސްތަކާ ގުޅިގެން، މިހާރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ ޖުލައި މަހުގެ 26 ވަނަ ދުވަހަށެވެ.
ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމާ ހަމައަށް ތާރު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ