ޑޮލަރު ނެތް ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރަމުން ދަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރަން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫތު އޮންޓްރެޕްރޮނާސް އެކްސްޕޯ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު މިހެން ވިދާޅުވީ، ޑޮލަރު ނެތް ކަމަށް ފަތުރާ ވާހަކަތަކާ ގުޅިގެން އެ ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެދި ބޭންކަށް ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ހިއްސާކުރައްވަމުންނެވެ.
ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން، ބޭންކުން ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޝަރީފު ވިދާޅުވީ ބޭންކުގެ ތާރީހުގައި ވެސް ނުވިއްކާ ވަރަށް ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ.
ބީއެމްއެލްއިން 2021 ގައި މަހެއްގެ މައްޗަށް އެވަރެޖުކޮށް 21 މިލިއަން ޑޮލަރު ވިއްކިއިރު، 2023 ގައި މި އަދަދު ވަނީ 37 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިހާރު އެ އަދަދު ވަނީ ދެ ގުނަ އިތުރުވެ، މަހަކު 80 މިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި، މި މުއްދަތުގެ ތެރޭގައި ޑޮލަރުން ދޫކޮށްފައިވާ ލޯނުތަކުގެ އަަދަދު ވެސް 37 މިލިއަން ޑޮލަރުން 226 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ.
މި ތަފާސްހިސާބުތަކާއި ބޭންކުގެ ރުފިޔާ ކާޑުތަކުގެ ލިމިޓުތައް މަތިކުރުމަށް އިޝާރާތްކުރައްވައި، ބީއެމްއެލްގެ ތާރީހުގައި ވެސް ނުވިއްކާ ވަރަށް ޑޮލަރު ވިއްކަމުން ދަނީ ބޭންކުގައި ޑޮލަރު ނެތިގެންތޯ ސުވާލުކުރައްވާފަ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ފަދަ ގޮތަށް ވާހަކަ ދައްކައިގެން ބޭންކުގައި ޑޮލަރު ނެތް ކަމުގެ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުން.'" ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްގައި ޑޮލަރު ނެތޭ ބުނެ ހަދަނީ ދޮގު ކަމަށް ވިދާޅުވި ނަމަވެސް ޝަރީފު ވަނީ އެ ބޭންކަށް ގަންނަން ލިބޭ ވަރަށް ވުރެ ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު އިތުރު މައްސަލަ އެބަ އުޅޭ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ޑޮލަރު ނެތޭ ބުނެ ދޮގު ފަތުރަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރަން ކަމަށް ޝަރީފު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ