ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އާ އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް، 150،000ރ.އާ ހަމައަށް ފައިނޭންސިން ލިބޭ 'ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން' މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފެށި 'ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ'ގައި، ޖުމްލަ 1 ބިލިއަން ރުފިޔާގެ މި ފައިނޭންސިން ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - މި ފެސިލިޓީއަކީ:
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭނެ
ޝަރުތު ހަމަވާ ފަރާތްތަކަށް 150,000ރ.އާ ހަމައަށް ފައިނޭންސިން ލިބޭނެ
އަހަރަކު %7ގެ ކުޑަ ޕްރޮފިޓް ރޭޓެއް
ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި އަވަހަށް ފައިސާ ލިބޭނެ
ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ލިބޭނެ
މި ފައިސާގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި މެންޓަޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ބުނީ ކީކޭ؟ - މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
"އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި 1 ބިލިއަން ރުފިޔާގެ ފައިނޭންސިން ސްކީމްގެ ސަބަބުން، ޒުވާނުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް، ފަސޭހަކަމާ އެކު ފައިސާ ދޫކުރެވޭނެ ކަމަށެވެ.
"މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި އާ ޖީލުގެ ވިޔަފާރިވެރިން އިތުބާރާ އެކު އެ މީހުންގެ ވިޔަފާރީގެ ދަތުރު ފަށައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ޒުވާނުންނަށް 150,000ރ.އާ ހަމައަށް %7 ރޭޓުގައި 1 ދުވަހުން ފައިނޭންސިން ދޫކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ