ފަރުތައް އާލާކޮށް ރައްކާތެރިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުރަކަ އާލާކުރުމާއި، ފަރުތައް މޮނިޓަރކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްއެމްއާރުއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ. މި އެއްބަސްވުމުގެ ދަށުން، އެޗްޑީސީން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި، ފަންނީ އިރުޝާދުގެ އިތުރުން ދިރާސާކުރުމުގެ އެހީތެރިކަން އެމްއެމްއާރުއައި އިން ފޯރުކޮށްދޭނެއެވެ.
މި އެއްބާރުލުމުގެ ސަބަބުން ފަރުތަކުގެ ދިރުންތަކާ ގުޅޭ ސައިންޓިފިކް ދިރާސާތައް އިތުރަށް ފުޅާވެ، ދިގު މުއްދަތަކަށް ފަރުތައް މޮނިޓަރކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެއެވެ. މި މަސައްކަތުގައި އެޗްޑީސީން އަމަލީ ގޮތުން ބައިވެރިވެ، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހާމަކުރި ގޮތުގައި، މި ޕާޓްނަޝިޕްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ނާޒުކު ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމާއެކު، މުޅި ރާއްޖޭގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފުޅާކުރުމެވެ.
މި އިސްނެގުމުގެ ސަބަބުން ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ހިމާޔަތްކުރުމުގެ މަސައްކަތްތައް ވަރުގަދަވެ، ގައުމީ ފެންވަރުގައި ފަރުތައް ބެލެހެއްޓުމުގެ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ