ކަޕޫރު އާއިލާގެ ޝޯއިން އާލިއާ ނުފެންނަ ސަބަބު މި އޮތީ

ނެޓްފްލިކްސްގައި މިއަދު ޕްރީމިއާކުރާ ކަޕޫރު އާއިލާގެ ރިއަލިޓީ ޝޯ "ޑައިނިންގް ވިތު ދަ ކަޕޫރްސް"އިން ބަތަލާ އާލިއާ ބަޓް ނުފެންނާތީ ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރު ޚާންދާންގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ފެންނަ މި ޝޯގެ ޓްރެއިލާ އާންމުކުރިއިރު ދާދިފަހުން އެ އާއިލާއާ ގުޅުނު ރަންބީރު ކަޕޫރުގެ އަންހެނުން އާލިއާ ނުފެނުމުން ބެލުންތެރިންނަށް ހައިރާންކަމެއް ލިބުނެވެ. އާލިއާއަކީ ކަޕޫރު އާއިލާގެ މެންބަރުން ވަރަށް ގަޔާވާ މީހަކަށްވެފައި، އެހާ ޚާއްސަ ޝޯއަކުން އާލިއާ ނުފެނުމަކީ އެ ޝޯއަށް ލިބޭނެ ވަރަށް ބޮޑު ފަޅު ކަމެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ގޮތުން "ޑައިނިންގް ވިތު ދަ ކަޕޫރްސް" އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަރުމާން ޖެއިން ބުނެފައިވަނީ، އާލިއާއަށް އެ ޝޯގައި ބައިވެރިނުވެވުނީ އެހެން ފިލްމީ މަސައްކަތްތަކުގައި އަވަދިނެތި އުޅެން ޖެހުމުން ކަމަށެވެ. އާލިއާ ފިރިމީހާ އަދި އެކްޓަރު ރަންބީރު ކަޕޫރާ އެކު--ފޮޓޯ/ޕިންކްވިލާ ރާޖް ކަޕޫރުގެ ފިޔަވަޅުމަތިން ހިނގަމުން އަންނަ އެ އާއިލާގެ ހުރިހާ މެންބަރުންނަކީ ވެސް ފިލްމީ މަސައްކަތްތަކަށް ވަރަށް އިސްކަންދޭ ބައެއް ކަމަށާއި އާއިލާއާ އެންމެ ފަހުން ގުޅުނު ފަހަރި ވެސް ހިނގަނީ ކާފަ ދަސްކޮށްދިން މަގުން ކަމަށް އަރުމާން ވަނީ ބުނެފައެވެ. މި ޝޯގެ ޑައިރެކްޓަރު ސްމިރްތީ މުންދްރާ ވެސް ބުނެފައިވަނީ ރާޖް ކަޕޫރު އާއިލާގެ ހުރިހާ މެންބަރުންނަކީ ވެސް "ވޯކަހޮލިކްސް" ކަމަށެވެ. އެއީ، ކަޕޫރު އާއިލާގެ ހުރިހާ މެންބަރުންގެ ކިބައިގައި ވެސް އަށަގެންފައިވާ ސިފައެއް ކަމަށާއި ވަޒީފާގައި ކިތަންމެ އަވަދިނެތި އުޅެމުން ވެސް އާއިލީ އެއްވުންތަކުގައި ބައިވެރިވުމަށް ހުރިހާ މެންބަރުން ވެސް މަސައްކަތްކުރާކަން ފާހަގަކުރެވުނު ކަމަށް ސްމިރްތީ ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފިލްމީ މަސައްކަތްތަކާ ހެދި ކޮންމެ ވެސް އެއް މެންބަރަކު އަބަދު ވެސް ކޮންމެ ވެސް އެއް އެއްވުމަކުން ނުފެނުމުގެ ފުރުސަތު އޮންނަ ކަމަށް ސްމިރްތީ ބުނެފައިވެއެވެ. އާލިއާއަށް ވެސް ދިމާވީ އެފަދަ ގޮތެއް ކަމަށާއި މި ޝޯގެ ޝޫޓިންތައް ކުރިއަށްދިޔަ ތާރީޚުގެ މާ ކުރިން ބަތަލާ ވަނީ އެހެން ފިލްމީ މަސައްކަތްތަކަށް ވަގުތު ހުސްކޮށްފައި ކަމަށްވާތީ ޝޯގެ އެއްވެސް އެޕިސޯޑެއްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށް އަރުމާން ވަނީ ބުނެފައެވެ. ނަމަވެސް، އާލިއާ ވަނީ ކަޕޫރު އާއިލާއިން ގެނެސްދޭ މިފަދަ ފުރަތަމަ ރިއަލިޓީ ޝޯ ބެލުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. ރަންބީރު ކަޕޫރާ ކައިވެނިކޮށް ކުއްޖަކު ވެސް ލިބިފައިވާ ބޮލީވުޑް ބަތަލާ "ޑައިނިންގް ވިތު ދަ ކަޕޫރްސް"އިން ނުފެނުނު ނަމަވެސް ފިރިމީހާ އަދި އެކްޓަރު ރަންބީރު ކަޕޫރު އެ ޝޯގެ އެޕިސޯޑުތަކުން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ