ހުކުރު ދުވަހު މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެރޭ އުޅުނު މީހާ ހައްޔަރު ނުކުރާތީ އާއި އެކަމާ ގުޅޭ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ރޭ ނުކުތް ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ ކަމަށް، މި ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމައްޗަށް ޒުވާނުން ރޭ އެއްވެ އަޑުއުފުލަމުން ދަނިކޮށް، އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތު ތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށެވެ.
"މި ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ. ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތު ތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އެބާވަތުގެ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުން އަންނަ ގޮތްތާ ތަފާތު ގޮތްތަކަށް އަމަލު ކުރާނަމަ، އެ ތަފާތު ގެންނަ ސަބަބު ސާފުވާން ޖެހޭނެ ކަމަށް އަޒާން ވިދާޅުވި އެވެ.
މި މައްސަލައިގައި ޒުވާނުން ނުކުމެ އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ، ޔުމްނު ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ، އެހެން ޒުވާނުންތަކާކާއެކު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށެވެ. އެގެއިން ނުކުމެގެން އެރޭ ހެންވޭރުގައި ހުންނަ ގެއަކަށް ދިޔުމަށް ފަހު، ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ ދިޔައީ ހ. ފެންޓެނޯއީ އަށް ކަމަށް ފުލުހުން ބުނެ އެވެ.
އެ ގޭގެ ސިޑިމަތީގައި އެ މީހުން އުޅުނު ގޮތުގެ ބައެއް ވީޑިއޯތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އެވެ. އޭގެ އެއްވެސް ވީޑިއޯއެއްގައި ފުންމާލާ މަންޒަރެއް ނެތެވެ.
ޔުމްނު ވެއްޓުނީ ގަސްދުގައި މީހަކު ކުރި ކަމަކުން ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި، ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ: އަޒާން ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި، ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ: އަޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ