ރައުދު ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގެ ގެއަކުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި ހިމެނޭ ފިރިހެން މީހާ، ރައުދު އަހުމަދު ޒިލާލު ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދެފި  އެވެ. 
މައްސަލައިގެ ފެށުން - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ދެ ދުވަސް ފަހުން ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.  ރައުދު އަކީ އަންހެން މީހާ ވެއްޓުނު ގެއަށް އޭނާ އާއެކު ވަތް މީހާއެވެ.
ތަފްސީލް - އެ މައްސަލާގައި ފުލުހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ؛
ހާދިސާގައި ހިމެނޭ އަންހެން މީހާ އާއި ރައުދު ވެސް ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް
އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް
އަންހެން މީހާ ވެއްޓުނީ އަމިއްލަ އަށް ކަމަށާއި ކޮއްޕާލީ ނޫން ކަަމަށް
"ކެނަބިސްއަށް ފިރިހެން މީހާ ޕޮޒިޓިވެފައިވީ ނަމަވެސް، އެ ނޫން ވެސް ބާވަތްތަކުގެ ޑްރަގު ދެ މީހުން ނަގާފައިވާކަން ތަހުގީގަށް އެނގިފައިވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް ޑިޕާޓްމަންޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ ސާމިހު މުހައްމަދު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަަމަވެސް ރައުދު ހައްޔަރުކޮށްފައި ނުވާތީ އެކަމާ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައުދު ހައްޔަރުކުރަން އަމުރަކަށް އެދިފައި މިވަނީ އެ ހާދިސާ އަށް ހަފްތާއެއް ވަނިކޮށެވެ. އެ މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާ މާލޭގައި ރޭ ވަނީ ޒުވާނުން މުޒާހަރާ ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ