މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތް ސިނަމާލެ ފްލެޓް އަލުން ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ ކޮންސެޕްޓް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޮންކޮންގައި ރަޖިސްޓްރީކޮށްގެން ހިންގާ، 'އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑް'އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކުރީ 17 އޮގަސްޓު 2023 ގަ އެވެ.
މި އެއްބަސްވުމުގެ ދަށުން:
ޖުމްލަ 1،500 ހައުސިން ޔުނިޓް ތަރައްގީކުރާނެ
މަޝްރޫއުގެ ތެރެއިން ސިނަމާލެ ފްލެޓް 1،2،3 އާއި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި އެ ބިންތަކުގައި އާ ޓަވަރުތައް އަޅަން ހަަމަޖެހިފައިވޭ
އާ ފްލެޓްތައް އަޅާނީ ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތައް މިހާރު ސަރަހައްދު ހިމެނޭހެން 23،476 އަކަ މީޓަރުގެ ބިމެއްގައި
ތަފްސީލް - މި ކޮންސެޕްޓްތައް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި މާލޭ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގަ އެވެ. މި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ފާސްކުރި ކޮންސެޕްޓްގައި ފްލެޓްތަކުގެ ޖާގަ އޮރިޖިނަލް އެގްރިމެންޓުގެ ދަށުން ތަރައްގީކުރަން ހުށަހެޅި ކޮންސެޕްޓަށް ވުރެ ތަނަވަސް ކަމަށެވެ. އޭގެ އިތުރުން ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ބޮޑުވުމާއި ޕާކިން ޖާގަ ވެސް އިތުރު ކަމަށް ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި:
މި ފްލެޓްތައް އިމާރާތްކުރަން ކަނޑައެޅި ބިމުގައި ހޭންޑްބޯލް ކޯޓެއް އޮތުމުން އެ ކޯޓު ހުރި ބިމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފައި
ފްލެޓް އަޅަން މިހާރު އޮތް ސަރަހައްދު ކުޑަވަމުން، އެ ބިމުގައި އިމާރާތް ކުރެވެނީ ޖުމްލަ 1،360 ފްލެޓު؛ މިއީ ކުރިން އެއްބަސްވެ ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު އަދަދެއް
މި މަޝްރޫއުގައި 20 ފްލޯ ހިމެނޭ އެއް ޓަވަރު އަޅަން ބޭނުންވާ ބިން މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައި ކަމަށް ކައުންސިލުން ބުންޏެވެ. މި މަޝްރޫއުގެ ދެން ހުރި ފްލެޓްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް ތަންތަން ހުރުމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތައް ތަޅާލައި، އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުއެއް ހިންގުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރި އެވެ. އެމަނިކުފާނު އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
އެނގުން މުހިންމު - ސިނަމާލެއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާގެ އެހީގެ ދަށުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. އެތަނުގައި މީހުން ދިރިއުޅެން ފެށީ 1990ގަ އެވެ. ސިނަމާލޭގެ ކުރިމަތިން އަމީނީ މަގުގައި މާލެ ހިޔާގެ ނަމުގައި ފްލެޓްތައް އިމާރަތްކުރީ ސަރުކާރުންނެވެ.
އެކަަމަކު އެ އިމާރާތްތައް މިހާރު ހުރީ ވަރަށް ބޮޑަށް ބާވެފަ އެވެ.
ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ ބަދަލުގައި އަޅާ އާ ފްލެޓުތަކުގެ ކޮންސެޕްޓް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ