ސޮނޭވާފުށި ރިސޯގެ މުވައްޒަފުން ފަތުރުވެރިންނާ އެކު ހިމާޔަތްކޮށްފައި އޮތް ބ. ނެލިވަރު ފިނޮޅަށް ގަވާއިދާ ހިލާފަށް އަރައި، އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތައް ހިންގާފައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓު 448،375ރ. އިން ޖޫރިމަނާކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު އީޕީއޭއިން ސޮނޭވާފުށި ޖުރީމަނާ ކުރި ފައިސާ 30 ދުވަހުގެ ތެރޭގައި ބަނޑޭރިޕޭ މެދުވެރިކޮށް އެ އެޖެންސީއަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.
އީޕީއޭ އިން ބުނީ ސޮނޭވާއިން މިދިޔަ އަހަރުގެ ޑިސެމްބަރު 18، ގައި ހިންގި އެ އަމަލުތަކުގެ މައުލޫމާތު އެ އެޖެންސީއަށް ލިބުމާ ގުޅިގެން ބެލި މައްސަލައަށް އެއްކުރެވުނު މައުލޫމާތުން ސޮނޭވާގެ މުވައްޒަފުންނާއި ފަތުރުވެރިން ހިމެނޭ ގޮތަށް 10 މީހުން އެ ދުވަހު އިރުއޮއްސި 18:00 ގެ ފަހުން ބ. ނެލިވަރު ސަރަހައްދަށް ވަދެފައި ވަނީ ގަވާއިދާ ހިލާފަށް ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަ ނުހޯދައި ކަމަށެވެ.
އީޕީއޭއިން ބުނީ ސޮނޭވާގެ މުވައްޒަފުންނާއި ފަތުރުވެރިން ބ. ނެލިވަރު ހިމެނޭ ސަރަހައްދު އަލިވާ ގޮތަށް ރޭގަނޑު ދިއްލައި، އެ ސަރަހައްދުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާ ގޮތަށް އަމަލުކުރުމުގެ އިތުރުން އެ ސަރަހައްދުގައި އަލިފާން ރޯކޮށްފައިވާ ކަމަށެވެ.
ބަޔޮސްފެއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި ފުލުހުން ބ. ނެލިވަރަށް އެ ދުވަހު ގޮސް ސޮނޭވާގެ މުވައްޒަފުންނާއި ފަތުރުވެރިން އެ ސަރަހައްދު ދޫކޮށްދާން އެންގި އެންގުމާ ހިލާފުވެ، އެއްބާރުލުން ދީފައި ނުވާކަން އީޕީއޭއިން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އީޕީއޭއިން އިތުރަށް ބުނީ ސޮނޭވާގެ ފަތުރުވެރިންނާއި މުވައްޒަފުން އެ ސަރަހައްދު ދޫކޮށް ދިޔައީ އެ ސަރަހައްދުގައި ކުރިއަށްގެންދަން ރާވާފައި ހުރި ކަންކަން ކުރިއަށް ގެންދިޔުމަށްފަހު، އެ ސަރަހައްދު ސާފުކޮށްފައި ކަމަށެވެ.
އިޕީއޭއިން ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި އިއުލާންތަކުގައި ބަޔާންކުރާ ކަންތައްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ އެންމެން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
ހިމާޔަތްކޮށްފައިވާ ބ. ނެލިވަރަށް ސޮނޭވާއިން އަރައި ގަވާއިދާ ހިލާފު އަމަލުތައް ހިންގުމުން ބޮޑު ޖޫރިމަނާއެއް ހިމާޔަތްކޮށްފައިވާ ބ. ނެލިވަރަށް ސޮނޭވާއިން އަރައި ގަވާއިދާ ހިލާފު އަމަލުތައް ހިންގުމުން ބޮޑު ޖޫރިމަނާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ