ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ބަދަލުކުރައްވައިފިއެވެ. މިކަން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހާޒިރުގައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް މެލޭޝިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. މެލޭޝިއާ ސަރުކާރުގެ ފަރާތުން މި އެމް. އޯ. ޔޫ ގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، ހަނާ ޔޯ ސިއާއޯ ސުއަންއެވެ. މި ފަހުމުނާމާގެ އަމާޒަކީ ދެ ޤައުމުގެ ކުޅިވަރުގެ މުވައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ އެކި އިވެންޓްތައް ބޭއްވުމާ، ކުޅިވަރުގެ ފެސިލިޓީތައް ގާއިމުކުރުމުގައި އެއްބާރުލުން ދިނުމާ، އެތުލީޓުންނާއި ކުޅިވަރުގެ އޮފިޝަލުން ތަމްރީނު ކުރުމުގައި އެއްބާރުލުން ދިނުމާ، ކުޅިވަރު ކައުންސިލްތަކާއި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމާ، އެންޓި-ޑޯޕިންގ، ސްޕޯޓްސް މެޑިސިން އަދި ރިހެބިލިޓޭޝަންގެ ކަންކަމުގައި އެއްބާރުލުން ދިނުމާއި މުޢާމަލާތުކުރުމެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް އަދި މެލޭޝިއާގެ މިނިސްޓަރ އޮފް ހެލްތު، ޑރ. ޒުލްކިފްލީ އަޙްމަދު ވަނީ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތުގައި މިއަދު ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގެ ދަށުން އިންސާނީ ވަޞީލަތް ގާއިމުކުރުމާއި، ޞިއްޙީ ނިޒާމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރުމާއި ހެލްތު ޓޫރިޒަމާ އަދި ހެލްތު އިންފޮރމޭޝަން ޓެކްނޮލޮޖީ ކުރިއެރުވުން ހިމެނެއެވެ.
މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު އަދި މެލޭޝިއާގެ މިނިސްޓަރ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރގެ ނައިބު، ޔަންގް ބަރްޙޮރްމަތް ތުއަން ޙައިރުލް ފިރްދައުސް އަކްބަރް ޚާން ވަނީ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޓޫރިޒަމްގައި، މިއަދު ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރުމާއި، މުސްލިމް ފްރެންޑްލީ ޓޫރިޒަމް ކޮންސެޕްޓް އިޝްތިހާރު ކުރުމާއި، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާއި، އިކޯ ޓޫރިޒަމް ޕްރޮމޯޓްކޮށް ތަރައްގީ ކުރުމާއި، ޓޫރިސްޓުން ގަޔާވާނެފަދަ ގޮތްގޮތަށް ސަގާފީ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެ އެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު ވަނީ، އެކްސްޗޭންޖް އޮފް ނޯޓްސް އޮން ކޯޕަރޭޝަން ފޮރ ޓްރެއިނިންގ އޮފް ޑިޕްލޮމެޓްސް، ބަދަލުކުރައްވާފައެވެ. މި ނޯޓު ބަދަލުކުރެއްވީ މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު އަދި މެލޭޝިއާ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު މުޙައްމަދް ބިން އަލާމިންއެވެ. މި އީ.އޯ.އެން. ގެ އަމާޒަކީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އޮފް މެލޭޝިއާއާ ދެމެދު ޑިޕްލޮމެޓުން ތަމްރީނުކުރުމުގައި އެއްބާރުލުން ދިނުމެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު، އެކްސްޗޭންޖް އޮފް ނޯޓްސް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަން، ވެސް މިރަސްމިއްތާތުގައި ވަނީ ބަދަލު ކުރައްވާފައެވެ. މި ނޯޓު ބަދަލުކުރެއްވީ، ސަފީރު ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު އަދި މެލޭޝިއާގެ މިނިސްޓަރުގެ ނައިބު މުޙައްމަދް ބިން އަލާމިންއެވެ. މި އީ.އޯ.އެން. ގެ އަމާޒަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގަވާއިދުން މަޝްވަރާކުރަމުން ދިއުމާއި، ސިޔާސީ، އިޤްތިޞާދާއި، އިޖްތިމާޢީ އަދި ދެޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި އަދި ދެޤައުމުގެ މަސްލަހަތު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި އ.ދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އޮނިގަނޑުގެ ތެރެއިން އެއްބާރުލުން ދެމުންގެންދިއުމެވެ.
މި ފަހުމުނާމާތަކާއި އީ.އޯ.އެން. ތަކުގެ ސަބަބުން ދިވެހިރާއްޖެއާ މެލޭޝިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް ބަދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ