މީހަކު ޔުމްނު ކުޑަދޮރަށް އެރުވުމަކީ ތިއަރީއެއް ކަމަށް އާއިލާގެ ފަރާތުން ސުވާލު ކުރުމުން އިހުސާން ވިދާޅުވެއްޖެ މީހަކު ޔުމްނު ކުޑަދޮރަށް އެރުވުމަކީ ތިއަރީއެއް ކަމަށް އާއިލާގެ ފަރާތުން ސުވާލު ކުރުމުން އިހުސާން ވިދާޅުވެއްޖެ

އެޕްރީލް 18، ގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު ކަމަށް ފުލުހުން ބުނާ ކުޑަދޮރު ނުވަތަ ފެންލައިޓާ ހަމައަށް މީހަކު އޭނާ އެރުވި ކަމަށް ބެލެވިދާނެ ކަމަށާއި އެއީ ތަހުގީގުގެ އެއް ތިއަރީ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއިލާއިން ސުވާލު ކުރުމުން ވިދާޅުވެއްޖެ އެވެ.
އާއިލާއިން މިނިސްޓަރާ ސުވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާގެ ހަވާސާގަ އެވެ. އިހުސާން މިހެން ވިދާޅުވީ، ޔުމްނުގެ އިސްކޮޅަށް ބަލައި، އޭނާ އަމިއްލައަށް އެ ތަނަށް އެރޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް އާއިލާއިން ބުނުމުންނެވެ.
"އަހަރެން އެހިން ތި މީހުން ރައުދު ދެކުނިން ހެއްޔޭ. [އިހުސާން ވިދާޅުވީ] އާނ އެކޯ. ތި މީހުން ދެކުނިންހޭ ނާނަ [ޔުމްނު] ގެ ސައިޒު. އާނ އެކޯ. އަހަރެން ބުނެފިން ތި މީހުން ދެކުނިންހޭ އެ ކުޑަދޮރު ހުރި އުސްމިން. އާނ އެކޯ. އަހަރެން ބުނެފިން ތި މީހުން ދެކުނިންހޭ ރައުދު އެ ތަނަށް އެރި ގޮތް. އާނ އެކޯ. އަހަރެން ބުނިން ތި މީހުންނަށް އެނގޭހޭ ނާނައަށް އެތަނަށް ނޭރޭނެކަން. އާން އެކޯ،" އިހުސާނު އާ ސުވާލުކުރި ޔުމްނުގެ ޅިޔަނުގެ ދައްތަ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.
"އެކަމު ވެދާނެއް ނޫންހެއްޔޯ މީހަކު ނާނަ ލިފްޓު ކޮށްފަ އެ ތަނަށް އަރުވާފަ ބައިންދާފަ ހުރީ ކަމަށް. މިއީ އެއް ތިއަރީ އޯ މިނިސްޓަރު އިހުސާން ބުނީ،" އޭނާ ބުންޏެވެ.
އޭގެ އިތުރުން، ތަހުގީގުގެ މިހާތަނަށް ޔުމްނު ވެއްޓުނު އިރު އޭނާ ގާތު ރައުދު ނެތްކަން ކަށަވަރުވެފައިވާ ކަަމަށް އިހުސާން ވަނީ އާއިލާ ގާތު ބުނެފަ އެވެ. އާއިލާއިން ދެން އެހީ ރައުދު ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތް ނުވެޔޭ ބުނީ ކީއްވެތޯ އެވެ.
"ބުނީމަ ހިނިގަނޑެއް ޖަހާލާފަ [އިހުސާން] ބުނަނީ ރައުދު އެއީ އިންފްލުއެންޝަލް (ނުފޫޒު ގަދަ) ފެމިލީއެއްގެ މީހެއްހޯ. އަހަރެން ނުދެނެހުރީމޯ. ތިބޭފުޅާއަށް އޭނަ އިންފުލުއެންޝަލް ފެމިލީއެއްގެ މީހަކަށް ވީ ކިހިނެއް ހެއްޔޯ،" އޭނާ ބުންޏެވެ.
މި ވާހަކަތައް ކުރިއަށްދިޔައީ ހޫނުކޮށެވެ. އިހުސާން މިހެން ވިދާޅުވުމުން އާއިލާއިން ވަނީ އޭނާ ދައްކާ އެއްވެސް ވާހަކައެއް ގަބޫލުނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި، އެ ތަން ދޫކޮށް ގޮސްފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ އޭނާއާއެކު ފެންޓެނޯއީ އަށް ދިޔަ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.
ނަމަވެސް، އެ މައްސަލައިގައި ހިމެނޭ މިނިސްޓަރު އަމީންގެ ގޭގައި "މަސްތު ޕާޓީ" ގައި ބައިވެރިވި މީހުން ހައްޔަރު ނުކުރާތީ އެކަމާ ގުޅިގެން އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ޔުމްނުގެ ހައްގުގައި ކުރާ ޒުވާނުން ކޮންމެ ރެއަކު ކުރާ މުޒާހަރާގައި ވެސް އެކަމަށް އަންނަނީ ގޮވާލަމުންނެވެ.
މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް، އޭނާ މި ނޫހަށް ވިދާޅުވީ އިސްތިއުފާ ދޭން ނުވެސް ވިސްނާ ކަމަށެވެ. އިހުސާން އިސްއިތުފާ ދިނުމަށް ޒުވާނުންގެ މުޒާހަރާގައި ޑިމާންޑު ކުރި ނަމަވެސް އޭނާ ވެސް ވަނީ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ