ދުބާއީގައި ބޭއްވި 'މޯލްޑިވިއަން އިވްނިން'ގައި ސަގާފީ ހުށަހެޅުންތަކާއި ކުރަހާ ރާއްޕެގެ ހުނަރު ދައްކާލައިފި
ދުބާއީ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޮޑާ)އިން ޝާނިހާ ޝަރީފް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން "މޯލްޑިވިއަން އިވްނިން 2025"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ދުބާއީގައި މިރޭ ބާއްވައިފިއެވެ. މި ޚާއްސަ ހަރަކާތް ބާއްވާފައި ވަނީ ދުބާއީ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޮޑާ)ގައެވެ. މި ހަރަކާތަކީ މިއަދު ފެށި "އަރަބިއަން ޓްރެވަލް މާކެޓް 2025"ގެ ހަވާސާގެ ތެރެއިން ބާއްވާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖޭގެ ސަގާފަތާއި، ރާއްޖެއަކީ ފަތުރުވެރިކަމުގެ ލަގްޒަރީ މަންޒިލެއްކަން ދައްކުވައިދޭ ހަރަކާތްތައް ވަނީ ދައްކާލައިފައެވެ. ހަރަކާތް ފަށާފައި ވަނީ ރާއްޖޭގެ އެކި ރަހަތައް ތަޖުރިބާކޮށްލުމަށް ބާއްވާފައިވާ ރިފްރެޝްމަންޓަކުންނެވެ. ސަގާފީ ހެދުންތައް ދައްކުވައިދޭ ފެޝަން ޝޯގެ ތެރެއިން: ދައްކާލާފައިވާ ކޮންމެ ހެދުމަކީ ވެސް މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ފިލްމީތަރި ޖާދުاللهގެ ޑިޒައިންތަކެއް -- މި ހަރަކާތުގެ ތެރެއިން "ދިވެހި ޑްރީމްސް"ގެ ނަމުގައި ކުރު ފިލްމެއް ވަނީ ޕްރިމިއާ ކޮށްފައެވެ. އަދި ދިވެހި މަޝްހޫރު ވާހަކައެއް ކަމަށްވާ "ދޮން ހިޔަލައާއި އަލިފުޅު"ގެ ތަމްސީލެއް ވެސް ވަނީ ދައްކާލައިފައެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފީ ހެދުންތައް ދައްކުވައިދޭ ފެޝަން ޝޯއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޒަމާނީ ބައެއް ބަދަލުތަކާއެކު ފަހައިފައިވާ ސަގާފީ ހެދުންތައް ޑިޒައިންކޮށްފައިވަނީ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ފިލްމީތަރި ޖާދުالله އިސްމާއީލެވެ. ހަމައެއާއެކު ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ 'ސްކައި ރޮކް' ބޭންޑުން ވަނީ މި ހަރަކާތުގައި ރީތި ލަވަތަކެއް ހުށަހަޅައިފައެވެ. އެގޮތުން 'ސަމުގާ' ފަދަ، އާންމުންގެ ތަރުހީބު ބޮޑު ލަވަތައް ވަނީ ހުށަހަޅައިފައެވެ. ކުރަހާ ރާއްޕެ، ލައިވްކޮށް ކުރަހަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ ހަމައެއާއެކު ރާއްޖޭގެ މަޝްހޫރު އާޓިސްޓު އަލީ އިޝާން (ކުރަހާ ރާއްޕެ) ވަނީ ސްޓޭޖް މަތީގައި އޭނާގެ ކުރެހުމުގެ ހުނަރު ދައްކާލައިފައެވެ. އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ އެ ކުރެހުމާއެކު މުޅި އޯޑިއެންސްގެ ހިތްތައް ވަނީ އަތުލައިފައެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވަނީ މި ހަރަކާތް ބައްލަވައިލައްވާފައެވެ. އަދި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި، މީޑީއާ ރެޕްރެޒެންޓޭޓިވްސްއާއި ގަވަމަންޓް ސްޓޭކްހޯލްޑަރުންގެ އިތުރުން ވެސް ގިނަ ބޭފުޅުން ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރު ތޯރިގު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ހަރަކާތް މެދުވެރިކޮށް ރާއްޖޭގެ ސަގާފަތުގެ ކުޑަކުޑަ މިންވަރެއް ހިއްސާކުރުމަށް ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ. އަދި މިނިސްޓަރު ވަނީ ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރުމަށް އެންމެންނަށް ވެސް ދައުވަތު އަރުވައިފައެވެ. އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ އެ ހަރަކާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވަނީ އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންގޮސްފައިވާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން ރާއްޖެއާއި ލިވަޕޫލާ މެދު ހަދައިފައިވާ ޕާޓްނާޝިޕާއި، ރާއްޖެ ޕްރޮމޯޓްކުރުމަށް ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯއާއެކު ކުރަމުން ގެންދާ މަސައްކަތްތަކާއި އެ ނޫން ވެސް ގިނަ ކަންތައްތައް ވަނީ ފާހަގަކުރައްވައިފައެވެ. މިއަދު ފެށި "އަރަބިއަން ޓްރެވަލް މާކެޓް 2025" ކުރިއަށްދާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ