މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އޭނާ އާއެކު އުޅުނު މީހުން ހައްޔަރު ނުކޮށް ތިބީ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފޮނުވިދާނެތީ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވީ ވަކި ހާއްސަ ގާނޫނެއްގެ ދަށުން ނޫނީ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުން ލާޒިމު ކަމަށެވެ.
ނަމަވެސް ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަޔަކު ހައްޔަރު ކޮށްގެން 30 ދުވަހުގެ ތެެރޭގައި ތަހުގީގު ނުނިންމިއްޖެ ނަމަ އެ މައްސަލަ އަތުން ދޫވެގެންދާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުލުހުންނަށް ހާއްސަ ގާނޫނަކުން ފިޔަވައި، ހާއްސަ ގާނޫނަކުން އަޅުގަނޑުމެން ހައްޔަރު ކުރާ މީހުންނަށް ހައްޔަރު ކޮށްގެން އަޅުގަނޑުމެންނަށް އެބަލިބޭ މައްސަލަ ނިންމަން މުއްދަތެއް، އާންމުކޮށް މި ހުންނަ މައްސަލަތަކުގައި މީހަކު ހައްޔަރު ކުރުމަށްފަހު އަޅުގަނޑުމެންނަށް މި ލިބެނީ އެންމެ 30 ދުވަސް، އެ 30 ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް އެ ހުރިހާ ހެއްކެއް ހޯދާފައި ޕީޖީ ނުކުރެވިއްޖެއްޔާމުން އެނގިލައްވާނެ އެ މައްސަލަ އަޅުގަނޑުމެން އަތުން ފޭލުވެގެން އެބަދޭ،" ސުޖާއު ވިދާޅުވި އެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޔުމްނު އާއި އިތުރު އަށް މީހަކު މއ. މާންދޫގޭދެކުނުގެއަށް ބުރާސްފަތި ދުވަހުގެރޭ 12:30 ހާއިރު ދިޔަ ކަމަށެވެ. އެ ގޭގައި ތިން ގަޑިއެއްހާއިރު ހޭދަ ކުރުމަށްފަހު އެމީހުން އެގެއިން ނުކުތީ ދަންވަރު 3:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެއަށްފަހު އެމީހުންގެ ތެރެއިން ޔުމްނު ހިމެނޭހެން ހަތަރު މީހަކު ހެންވޭރުގައި ހުރި ގެއަކަށް ދިޔަ ކަމަށާއި އެ ގޭގައި 10 ވަރަކަށް މިނެޓު ހޭދަ ކުރި ކަމަށް ފުލުހުން ބުންޏެވެ. އެ ގެއިން ނުކުމެގެން ޔުމްނު އާއި ރައުދު އަަލީ ޒިލާލް ހ. ފެންޓޯނިއާއަށް ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެރޭ ޔުމްނު އާއެކު އުޅުނު އަށް މީހުންގެ ފަރާތުން ވެސް ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށެވެ. ނަމަވެސް އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރެއްޖެ ނަމަ އެ މީހަކު ހައްޔަރު ކުރަން ފަސް ނުޖެހޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އެހެންވީމާ ތަހުގީގީ ނަޒަރަކުން ބަލާއިރު އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ބޭނުންވާ ކަންކަން އެ ފަރާތްތަކުގެ އަތުން ނަގާފައިވާކަން، އަދި ހަމަ އެއާއެކު އޭގެ މާނައެއް ނޫން، އަޅުގަނޑުމެން މި ބަލާ ކަންތައްތަކުގެ ތެރޭގައި އިތުރު ކަންތައްތަކެއް ހުރެއްޖެ ކަމަށް ވެއްޖެއްޔާމުން އެ މީހާ ހައްޔަރު ނުކުރުން، އެއީ އަޅުގަނޑުމެން ހަމަ އެ ވަގުތެއްގައި އެ އައިއޯއެއް ނަންގަވާ ޑިޒިޝަނެއް އެއީ،" ސުޖާއު ވިދާޅުވި އެވެ.
ޔުމްނު އާއެކު އުޅުނު މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ފުލުހުން ވާހަކަދައްކާފައި މިވަނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
ޔުމްނު ވެއްޓުނު ރޭ، އޭނާ އާއެކު އުޅުނު ހުރިހާ އެންމެންގެ ވަނަވަރު އާންމު ކުރުމަށާއި ރައުދު ހައްޔަރު ކުރުމަށް ގޮވާލައި ރޭ ޒުވާނުން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ: "މީހަކު ހައްޔަރު ނުކުރީ ގާނޫނު ބުނާ މުއްދަތުގައި ޕީޖީއަށް މައްސަލަ ނުފޮނުވިދާނެތީ" ޔުމްނު ވެއްޓުނު ހާދިސާ: "މީހަކު ހައްޔަރު ނުކުރީ ގާނޫނު ބުނާ މުއްދަތުގައި ޕީޖީއަށް މައްސަލަ ނުފޮނުވިދާނެތީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ