ދުވާފަރުގައި 100އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް 51 ބިދޭސީން އަތުލައިގެންފި
ރ. ދުވާފަރުގައި 100އަސްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 51 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އަތުލައިގެންފިއެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރ. ދުވާފަރުގައި އިއްޔެ އިމިގްރޭޝަނުން ވަނީ ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ ހެނދުނު 8:00އިން ހަވީރު 5:45އަށެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި ރެއިޑް އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން އެ ރެއިޑު އޮޕަރޭޝަންގައި 100އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. މީގެ ތިން ދުވަސް ކުރިންވެސް އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ ބާޒާރު ސަރަހައްދު ބަލައި ފާސްކޮށް، އަށް ބިދޭސީއަކު ހިފަހައްޓައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ދުވާފަރުގައި ގަވާއިދާ ޚިލާފަށް އުޅުނު 51 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފި -- ފޮޓޯ/ އިމިގްރޭޝަން މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ހޯމް މިނިސްޓްރީން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އޮޕަރޭޝަނެއް ފެށިއެވެ. މިފަހުން، މިނިސްޓްރީން ބުނީ، އެ އޮޕަރޭޝަންގެ ދަށުން ފާއިތުވި 10 މަސް ދުވަސްތެރޭ، 100،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ