މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ ހަމައަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާނޭ މީހަކު ކަނޑައަޅަމުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުންނެވެ. އެކަން އެ މަޖިލީހުން ކަނޑައަޅައި ނިންމުމަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަ އެވެ. އެއީ އޭރު އަމަލުކުރަމުން ގެންދިޔަ ގާނޫނުއަސާސީގައި އެކަން ކުރުމަށް ބަޔާންކުރެވިފައި އޮތް ހަމަ އެވެ.
މި ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތްތައް ފަށައިގަނެވުނުއިރު ވެސް ގާނޫނުއަސާސީއަށް ގެންނާނޭ އެންމެ ބޮޑު ބަދަލެއް ކަމަށް އެންމެނަށް އެނގިފައި އޮތީ ރައްޔިތުންގެ ސީދާ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ބަދަލުކުރުމެވެ.
މި ގާނޫނުއަސާސީ އެކަށައަޅައި ނިންމާފައި މިއޮތީ ވޯޓުލާ މީހުންގެ ތެރެއިން ފަންސާސް އިންސައްތައަށްވުރެ ގިނަ މީހުން ސީދާ އެ ކެންޑިޑޭޓަކަށް ރުހުންދިނުމުން ނޫނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ނުވާނެ ގޮތަށެވެ. ވޯޓުގެ ދެބުރު ބާއްވައިގެން ވިޔަސް، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރަންވާނީ ގިނަ ރައްޔިތުންގެ ސީދާ ރުހުން އޮތް މީހާ ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ދެކި، ގާނޫނުއަސާސީ ފަރުމާކޮށްފައި އެއޮތީ އެގޮތަށެވެ.
އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ވެއަތުވެ ދިޔަ ތިން ރިޔާސީ ދައުރުގައި ބޭއްވުނު ހަތަރު ރިޔާސީ އިންތިހާބުގައި އަމަލުކުރީ ވެސް އެގޮތަށެވެ. އެހެން ހެދީމާ، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވާ މީހަކީ ސީދާ އެ މީހަކަށް ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ރުހުން އޮތް މީހާކަން ކަށަވަރުވެ އެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ބެހޭ ގޮތުން އަނެއްކާވެސް މިވަނީ ހިޔާލުތަކެއް ފާޅުކުރެވިފަ އެވެ. މިފަހަރު މި ބަހުސަށް ހުޅުވާލީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ އެއް ބުރުން ރިޔާސީ އިންތިހާބު ނިންމުމަށްޓަކައި 'ޕްރިފެރެންޝަލް' ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ ރިޔާސީ އިންތިހާބުގެ ދެބުރު ބާއްވަންޖެހުމުން ކުރަން ޖެހޭ ބޮޑު ހަރަދެވެ. މި ވާހަކަ މި ލިޔުމުގައި އަދި ދައްކާނަމެވެ. އެކަމަކު އެ ވިދާޅުވާ ޕްރިފެރަންޝަލް ވޯޓިން ނިޒާމަކީ ކޮބައިތޯ އާއި، އެ ނިޒާމު މަސައްކަތްކުރަނީ ކިހިނެއްތޯ ބަލަމާ ހިނގާށެވެ.
ޕްރިފެރެންޝަލް ވޯޓިން، ނުވަތަ ތަރުތީބުކޮށް ވޯޓުލުމުގެ ނިޒާމަކީ ވޯޓުދޭ މީހާއަށް އޭނާގެ އިހުތިޔާރާ އެއްގޮތަށް ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުސަތު ލިބޭ ނިޒާމެކެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހިމެނޭ ވޯޓު ކަރުދާސް، ވޯޓު ދޭ މީހާގެ އަތަށް ލިބުމުން އޭނާގެ ޒިންމާއަކީ އެންމެ މީހަކަށް ވޯޓު ދިނުމުގެ ބަދަލުގައި އޭނާގެ އިހުތިޔާރާ އެއްގޮތަށް އެ ނަންތައް ތަރުތީބުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރުމަށް އޭނާއަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި 1 ލިޔާނީ އެވެ. އޭނާގެ ދެވަނަ އިހުތިޔާރާ ދިމާލުގައި 2 ލިޔާނީ އެވެ. ޕްރިފެރެންޝަލް ވޯޓިން އޮންނަ ބައެއް ގައުމުތަކުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ވެސް ކޮންމެވެސް ނަންބަރެއް ލިޔެފައި ނެތްނަމަ މުޅި ކަރުދާސް ބާތިލުވާނެ އެވެ.
މިސާލަކަށް، ވޯޓު ކަރުދާހުގައި 5 ކެންޑިޑޭޓުންގެ ނަން އޮތް ނަމަ، ވޯޓުދޭ މީހާ ފުރަތަމަ ހިޔާރުކުރާ ކެންޑިޑޭޓަށް 1، ދެން ކަމުދާ ކެންޑިޑޭޓަށް 2، މި ތަރުތީބުން ގޮސް، 5 ވަނައަށް ކަމުދާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި 5 ލިޔަންވާނެ އެވެ.
އެހެންނަމަވެސް، ބައެއް ގައުމުތަކުގައި އަމަލުކުރާ ގޮތަކީ، އޭނާއަށް ކަމުދާ ކެންޑިޑޭޓުން ތަރުތީބުކުރުމަށްފަހު، އެއްގޮތަކަށް ވެސް ކަމުނުދާ ކެންޑިޑޭޓުންގެ ނަމާ ދިމާލަށް އޮންނަ ޖާގަ ހުސްކޮށް ދޫކޮށްލުމެވެ. މިސާލަކަށް ވޯޓު ކަރުދާހުގައި 5 ކެންޑިޑޭޓުންގެ ނަން އޮވެފައި، އޭނާއަށް ކަމުދަނީ އެންމެ ކެންޑިޑޭޓަކުނަމަ އެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި 1 ލިޔުމަށްފަހު، ދެން އޮތް ހަތަރު ނަން ހުސްކޮށް ދޫކޮށްލެވިދާނެ އެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މި އޮންނަނީ ވޯޓު ގުނުމަށް އެންމެ ފަސޭހަ ނިޒާމެވެ. އެއާ ހިލާފަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގައި ވޯޓު ގުނައި ނަތީޖާ އިއުލާނުކުރުމަކީ، ފަންނީ ގޮތުން ގޮންޖެހުމާއި އޮޅުންބޮޅުން ބޮޑު އަދި އުނދަގޫ ކަމެކެވެ. އިންތިހާބު ކުރެވޭ ކެންޑިޑޭޓު 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ހޯދަންޖެހޭތީ، ބައެއް ފަހަރު ހުރިހާ ކަރުދާހެއް ތަކުރާރުކޮށް އެތައް ބުރަކަށް ގުނައިގެން މެނުވީ ދާއިމީ ނަތީޖާއެއް ނުނެރެވެ އެވެ.
މި ބުރުގައި ގުނާނީ ހުރިހާ ވޯޓުކަރުދާސްތަކުގެ ފުރަތަމަ އިހުތިޔާރު (ނަންބަރު 1) އެކަންޏެވެ. މިގޮތަށް ވޯޓު ގުނާއިރު، އެއްވެސް ކެންޑިޑޭޓަކު 50 ޕަސެންޓަށްވުރެ ގިނަ ވޯޓު (50 ޕަސެންޓު ޕްލަސް 1) ހޯދައިފިނަމަ، އެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރީ ކަމަށް ނިންމާނީ އެވެ. އެހެންނަމަވެސް، ޕްރިފެރެންޝަލް ވޯޓިންގައި މިއީ ވަރަށް ނާދިރު ހާލަތެކެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ނުލިބޭނަމަ، ދެވަނަ ބުރަކަށް ދާންޖެހޭނެ އެވެ.
ދެވަނަ ބުރަށް ގުނަން ފަށާނީ ފުރަތަމަ ބުރުގައި އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުގެ ނަން އުނިކުރުމަށްފަހުގަ އެވެ. ބައެއް ނިޒާމުތަކުގައި، އެންމެ މަދު ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ނުވަތަ ތިން ކެންޑިޑޭޓުންގެ ނަން އެއްފަހަރާ ވެސް އުނިކުރެ އެވެ.
އުނިކުރާ ކެންޑިޑޭޓުންގެ ނަން އުނިކުރާއިރު، އެ ކެންޑިޑޭޓުން ފުރަތަމަ އިހުތިޔާރަށް ހިމެނުނު ވޯޓު ކަރުދާސްތަކުގައި ދެވަނަ އިހުތިޔާރެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކެންޑިޑޭޓުންނަށް އެ ވޯޓުތައް ބަހާލެވޭނެ އެވެ. މިގޮތަށް ހެދުމަށްފަހު މި ބުރުގައި ގުނާނީ ކޮންމެ ކެންޑިޑޭޓަކަށް ފުރަތަމަ ޗޮއިސްގެ ގޮތުގައި ލިބުނު ވޯޓުތަކާއި، ވަކިކުރެވުނު ކެންޑިޑޭޓުގެ ވޯޓުތަކުން ދެވަނަ ޗޮއިސްގެ ގޮތުގައި ލިބުނު ވޯޓުތައް އެއްކޮށްގެންނެވެ.
މިގޮތަށް ގުނުމުން ވެސް އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ނުލިބޭނަމަ، އަނެއްކާވެސް އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު ވަކިކޮށް، އެ ވޯޓުކަރުދާހުގެ ތިންވަނަ އިހުތިޔާރެއް ކަމަށް ހުރި ވޯޓުތައް ބާކީ ތިބި ކެންޑިޑޭޓުންނަށް ދޭނީ އެވެ. މިގޮތަށް ކޮންމެވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބެންދެން މި އިޖުރާއަތު ތަކުރާރުކުރާނެ އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،804 ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 246،915 މީހުންނެވެ. ރަސްމީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ލީ ސައްހަ ވޯޓުގެ އަދަދަކީ 239،027 އެވެ. މިހާރު މިއޮތް ނިޒާމުގައި ނަމަ މައްސަލައެއް ނުޖެހޭހައި ހިނދަކު މި ވޯޓުގެ ކޮންމެ ކަރުދާހެއް ގުނާނީ އެއްފަހަރު އެވެ. އެ ކަރުދާހުގައި ހެޔޮ ފާހަގަ ޖަހާފައިވާ ކެންޑިޑޭޓަށް އެ ވޯޓު ގުނުމުން އެ ކަރުދާސް ގުނައި ނިމުނީ އެވެ. އެހެން ނަމަވެސް ޕްރިފެރެންޝަލް ނިޒާމެއްގައި ނަމަ އެއް ކެންޑިޑޭޓަކަށް އަގުލަބިއްޔަތު ލިބެންދެން އެ ކަރުދާސް އެތައް ބުރަކަށް ގުނަންޖެހިދާނެ އެވެ. އެއީ އެކަމަށް އެތައް ވަގުތެއް ހޭދަވާނޭ ކަމެކެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމުގައި، ކެންޑިޑޭޓުންނާއި ޕާޓީތަކުން އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންކުރާ އެކި އުކުޅުތައް ހުރެ އެވެ. މި ނިޒާމުގައި ނަތީޖާ ނުކުންނަނީ ހަމައެކަނި ވޯޓުދޭ މީހާގެ ފުރަތަމަ އިހުތިޔާރުގެ މައްޗަށް ކަމަށް ނުވާތީ އާއި ވޯޓު ދޭ މީހާގެ ދެވަނަ، ތިންވަނަ އަދި އެއަށްވުރެ ދަށުން އިހުތިޔާރުކުރިޔަސް އެ ވޯޓުތައް ވެސް މުހިންމުވާތީ، މިކަހަލަ އިންތިހާބުތަކުގެ ކެމްޕޭން އުކުޅުތައް ވެސް ތަފާތުވެ އެވެ.
ޕްރިފެރެންޝަލް ނިޒާމުގައި ކެންޑިޑޭޓުން މަސައްކަތްކުރަނީ ހަމައެކަނި އަމިއްލަ ސަޕޯޓް ބޭސްއަށް އެކަނި ބަލައިގެނެއް ނޫނެވެ. އާންމުކޮށް އެހެން ކެންޑިޑޭޓުންނަށް ވޯޓުދޭ މީހުންގެ ވެސް، ދެވަނަ ނުވަތަ ތިންވަނަ އިހުތިޔާރަށް ވުމަށް ކެންޑިޑޭޓުން މަސައްކަތްކުރާނެ އެވެ.
މިސާލަކަށް އެކި ސިޔާސީ ޕާޓީތައް ގުޅިގެން "ޕްރިފަރެންސް ޑީލްސް" ހަދައިފާނެ އެވެ. އެ ހާލަތުގައި، ވޯޓުދޭން ނުކުންނަ އަދަދުގެ ޖުމުލައަށް ބަލައި، ވޯޓުލާ މީހުންގެ "ދެވަނަ އިހުތިޔާރަށް ވުމަށް" ބައެއް ކެންޑިޑޭޓުން އެމީހުންގެ ސަޕޯޓަރުންނަށް އިރުޝާދު ދޭނެ އެވެ. ފުރަތަމަ އިހުތިޔާރެއް ކަމަށް ހަދާނީ އިންތިހާބުގައި އެކަށީގެންވާ ތާއީދު ނުހޯދޭނޭ މީހެކެވެ. އެހެން ހަދަނީ އޭރުން އޭނާ ރިޔާސީ ރޭހުން ބާކިވާ ހާލަތުގައި، ދެވަނަ ގުނުމުގައި އެހުރިހައި ވޯޓެއް އަނެއް ކެންޑިޑޭޓަށް ލިބޭނެތީ އެވެ.
އަނެއް އުކުޅަކީ " ޕްރިފަރެންސް ހާވެސްޓިން" އެވެ. މި އުކުޅު ބޭނުންކުރަނީ އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ކުޑަ، އެކަމަކު އެކަށީގެންވާ ވަރެއްގެ މަގުބޫލުކަން އޮންނަ ޕާޓީތަކާއި ކެންޑިޑޭޓުންނެވެ. ބޭނުމަކީ، އިންތިހާބު ކާމިޔާބު ނުކުރެވުނު ނަމަވެސް، އިންތިހާބު ކާމިޔާބުކުރެވޭ މީހަކާއެކު ޑީލެއް ހެދުމެވެ. މިފަދަ ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓަށް ވިއްކާ އެއްޗަކީ އޭނާއަށް ލިބޭ ވޯޓުގެ "ދެވަނަ ޗޮއިޒް" އަށް ވުމެވެ. އޭނާއަށް ވޯޓު ދޭނޭ މީހުންނަށް އިލްތިމާސްކުރާނީ، ފުރަތަމަ އިހުތިޔާރަކަށް އޭނާ ހެދުމަށްފަހު ދެވަނަ އިހުތިޔާރެއްގެ ގޮތުގައި ވަކި ކެންޑިޑޭޓަކު ނެގުމަށެވެ. އެއީ އޭނާ ހަދާ ޑީލުގެ "ވޯޓް ހާވެސްޓަރެވެ."
ޕްރިފެރެންޝަލް ނިޒާމުން ވޯޓުލާ ގައުމުތަކުގައި ފާހަގަވާ އާންމު އަނެއް މައްސަލަ އަކީ "ޑޮންކީ ވޯޓު" ގެ މައްސަލަ އެވެ. މި މައްސަލަ އާންމުކޮށް ފާހަގަވާނީ ވޯޓާމެދު ހޭލުންތެރިކަން ކުޑަ، އަދި އިލްމީ ގޮތުން ދެރަ މުޖުތަމައުތަކުންނެވެ.
"ޑޮންކީ ވޯޓު" އަކީ ވަކި ކެންޑިޑޭޓަކު އިހުތިޔާރުކުރުމެއް ނެތި، ވޯޓު ކަރުދާހުގައި އޮތް ތަރުތީބުން ނަންބަރު ޖަހާލުމެވެ. އެއީ އެއްވެސް ވިސްނުމެއް ނެތި ދީފައިވާ ވޯޓެއްކަން ސާފުކޮށް އެނގޭއިރު ވެސް މި ނިޒާމުގައި އެ ވޯޓަކީ ގުނަންޖެހޭ ވޯޓެކެވެ. އެހެންވެ، ބައެއް ސިޔާސީ ޕާޓީތަކުންނާއި، ކެންޑިޑޭޓުން އިންތިހާބުގެ ކުރިން މި އާބާދީ ފާހަގަކޮށް، ޑޮންކީ ވޯޓިން އަށް ހިތްވަރު ލިބޭ ގޮތަށް ކެމްޕޭނުކުރެ އެވެ. ބައެއް ހާލަތްތަކުގައި އިންތިހާބުގެ މުޅި ނަތީޖާ ފުރޮޅިގެން ދަނީ މިފަދައިން ދީފައި ހުންނަ "ޑޮންކީ ވޯޓު" ގެ މައްޗަށެވެ.
ޕްރިފެރެންޝަލް ވޯޓިންގެ އެންމެ ބޮޑު ނުރައްކަލަކީ މިއީ އެވެ. އަޅުގަނޑުމެން މިހާރު މި އަމަލުކުރާ ނިޒާމުގައި ވޯޓުދޭ މީހާގެ ނިންމުން ވަރަށް ސާފެވެ. ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އޭނާ ބޭނުންވާ މީހާގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނާނެ އެވެ.
ޕްރިފެރެންޝަލް ވޯޓިންގައި އޭނާގެ ފުރަތަމަ އިހުތިޔާރަކާއި ދެވަނަ އިހުތިޔާރެއް އަދި ތިންވަނަ އިހުތިޔާރެއް ވެސް ފާހަގަކޮށްފައި އޮންނާތީ، އޭނާގެ ވޯޓު އޭގެ ތެރެއިން ކޮންމެވެސް އެއް އިހުތިޔާރަކަށް ގުނަންޖެހެ އެވެ. އޭނާގެ ފުރަތަމަ އިހުތިޔާރެއް ކަމަށް ހިޔާރުކުރާ މީހާ ރޭހުން ވަކިވެއްޖެ ހާލަތުގައި އެ ކަރުދާހުގައި އޭނާގެ ދެވަނަ އިހުތިޔާރު ކަމަށް ކަނޑައަޅާ މީހާއަށް އޭނާގެ ވޯޓު ބަދަލުކުރެވޭނެ އެވެ.
މީގެ ސަބަބުން އިންތިހާބުގައި ނުކުންނަ ނަތީޖާއަށް އަސަރުކުރެ އެވެ. ފުރަތަމަ ގުނުމުގައި އެންމެ ގިނަ މީހުންގެ ތިންވަނަ އިހްތިޔާރަކަށްވީ މީހާއަށް ވެސް އިންތިހާބު ކާމިޔާބުކުރެވުމުގެ ފުރުސަތު އޮވެ އެވެ. އަށް ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެއްގައި ވޯޓުގެ ފުރަތަމަ ގުނުމުގައި އެންމެ ގިނަ މީހުންގެ ތިންވަނަ އިހުތިޔާރަށްވީ މީހާ އިންތިހާބު ކާމިޔާބުކުރާ ގޮތުގެ މިސާލެއް ބައްލަވާށެވެ.
ކުރިމަތިލީ 8 ކެންޑިޑޭޓުންނަށް ފުރަތަމަ އިހުތިޔާރުގެ ގޮތުގައި ލިބުނު ވޯޓު:
މި ފުރަތަމަ ގުނުމުގައި އެންމެ ގިނައިން ވޯޓު ހޯދައި އެއްވަނަ އަށް ދިޔައީ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ޑރ. މުއިއްޒު އެވެ. މި ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، ދެވަނަ ބުރަކަށް ވޯޓު ގުނަންޖެހެ އެވެ. މި ގުނުމަށް ދާނީ އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުން ރޭހުން ބާކީކުރުމަށްފަހުގަ އެވެ.
ފުރަތަމަ ގުނުމުގައި އެންމެ މަދުން ވޯޓު ލިބިފައިވަނީ އަހްމަދު ފާރިސް މައުމޫނަށެވެ. އެހެންވީމާ، އޭނާ ބާކީކުރުމަށްފަހު، އޭނާއަށް ލިބުނު ވޯޓުތަކުގެ ދެވަނަ އިހުތިޔާރަކީ ކޮބައިތޯ ބަލައި، ދެވަނަ އިހުތިޔާރުތަކަށް އެ ވޯޓު ބަހާލަންޖެހެ އެވެ. ފާރިސްގެ ވޯޓުތައް ދެވަނަ އިހުތިޔާރުތަކަށް ބަހާލައި، ފުރަތަމަ ގުނުމުގެ ނަތީޖާއަށް އެއްކޮށްލުމުން އަންނަނީ އަންނަނިވި ނަތީޖާ އެވެ.
އެހެންވީމާ، ދެވަނަ ގުނުން ނިމުނުއިރު، މިހާރުގެ ނަތީޖާއަކީ މިއީ އެވެ.
މި ނަތީޖާއަށް ބަލާއިރު، އަދިވެސް އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓެއް ނުލިބެ އެވެ. އެހެންކަމުން، އަނެއްކާވެސް ޖެހެނީ، އެންމެ މަދުން ވޯޓު ލިބުނު އަދި އެއްވަރުވި ދެ ކެންޑިޑޭޓުން އުނިކުރުމަށްފަހު އެ ކެންޑިޑޭޓުންގެ ވޯޓުތައް ބަހާލާށެވެ. އެ ދެ ކެންޑިޑޭޓުންނަކީ މުހައްމަދު ނާޒިމް އާއި، އުމަރު ނަސީރެވެ. ދެން އެ ފެށުނީ ތިންވަނަ ގުނުމަށެވެ.
މި ގުނުމުގައި ބެލިއިރު، މުހައްމަދު ނާޒިމް އާއި، އުމަރު ނަސީރަށް ލިބުނު ވޯޓުތައް އެހެން ކެންޑިޑޭޓުންނަށް ބަހާލައި، ނަތީޖާ އެއްކޮށްލިއިރު، ހަސަން ޒަމީލް، އިބްރާހިމް މުހައްމަދު ސޯލިހު އަދި އިލްޔާސް ލަބީބްއަށް އިތުރުވަނީ އެއް ޕަސެންޓެވެ. ގާސިމް އިބްރާހިމްއަށް ދެ ޕަސެންޓު އިތުރުވީއިރު، އެ ވޯޓުތަކުގެ ތެރެއިން ތިން ޕަސެންޓު މީހުންގެ ދެވަނަ ޗޮއިޒްއަކަށްވީ މުހައްމަދު މުއިއްޒު އެވެ.
އެހެންވީމާ، ތިންވަނަ ގުނުން ނިމުނުއިރު މިހާރު ނަތީޖާއަކީ މިއީ އެވެ.
އަދި މިވަރުން ވެސް އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓުގެ އޮޅިގަނޑު ގިރާ ނުކުރެވެ އެވެ. އެހެންވީމާ، ހަތަރުވަނަ ގުނުމަށް ދާންޖެހުނީ އެވެ. މި ބުރަށް ފަށަންޖެހޭނީ އެންމެ މަދުން ވޯޓު ލިބިފައިވާ ހަސަން ޒަމީލް އުނިކުރުމަށްފަހުގަ އެވެ. ޒަމީލްގެ ވޯޓުތައް ދެން ހުރި ޗޮއިސްތަކަށް ބަހާލާނީ އެވެ.
މި ގުނުމުގައި އަނެއްކާވެސް އެންމެ ބޮޑު 'ދެވަނަ ޗޮއިޒް' އަކަށްވީ މުހައްމަދު މުއިއްޒު އެވެ. ޒަމީލްއަށް ވޯޓު ދިން މީހުންގެ ތެރެއިން ހަތަރު ޕަސެންޓު މީހުންގެ ދެވަނަ ޗޮއިޒްއަކީ މުއިއްޒު އެވެ. އެހެންވީމާ ކުރިން އޮތް 22 ޕަސެންޓާއެކު، މި ބުރަށް ފަހު މުއިއްޒުގެ ޕަސެންޓަށް 26 އަށް އިތުރުވާނެ އެވެ.
ހަތަރުވަނަ ގުނުން ނިމުނުއިރު ނަތީޖާއަކީ މިއީ ކަމުގައި ބަލާށެވެ.
މިކަމެއް ނިމޭކަށް ނޫޅެ އެވެ. އަދިވެސް އެއްވެސް ކެންޑިޑޭޓަކަށް އަގުލަބިއްޔަތެއް ނެތެވެ. އެހެންވީމާ، މިހާރު އެންމެ މަދުން ލިބިފައި އޮތް، އިލްޔާސް ލަބީބުގެ 13.5 ޕަސެންޓު ވޯޓުތަކުގެ ދެވަނަ ޗޮއިޒްއަށް ބަލައިގެން ފަސްވަނަ ފަހަރަށް ގުނަންވީ އެވެ. މި ގުނުމުން މުހައްމަދު މުއިއްޒުއަށް ނުވަ ޕަސެންޓު ކުރިއެރުމެއް ލިބުނު ކަމަށް ބަލާށެވެ. މިހާރު ނަތީޖާއަކީ މިއީ އެވެ.
ފަސްވަނަ ބުރު ނިމުނުއިރު:
މި ގުނުމުން ވެސް އެއްވެސް ކެންޑިޑޭޓަކަށް އަގުލަބިއްޔަތު ލިބިފައިނުވާތީ ހަ ވަނަ ގުނުމަށް ދާންޖެހޭނެ އެވެ. އެ ގުނުމުގައި އުނިކޮށްލާނީ މިހާތަނަށް އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓެވެ. އެއީ ގާސިމް އިބްރާހީމް އެވެ. އަދި އޭނާގެ 25 ޕަސެންޓު ދެން ތިބި ދެ ކެންޑިޑޭޓުންނަށް ބަހާލާނީ އެވެ. އެހެން ބެލިއިރު، ގާސިމްއަށް ވޯޓު ދިން މީހުންގެ ތެރެއިން 18 ޕަސެންޓު މީހުންގެ ދެވަނަ އިހްތިޔާރަކީ މުހައްމަދު މުއިއްޒު އެވެ. އިބްރާހިމް މުހައްމަދު ސޯލިހުއަށް އިތުރުވީ ހަތް ޕަސެންޓެވެ. އެހެންވީމާ މިހާރުގެ ޖުމުލަ ނަތީޖާއަކީ މިއީ އެވެ.
މި ކިޔައިދިން މިސާލުގައި، އިންތިހާބު އެ ކާމިޔާބުކުރި މީހާއަށް އިންތިހާބު ކާމިޔާބު ކުރެވުނީ ވޯޓު ދިން މީހުންނަށް އޭނާ ރަނގަޅުވެގެނެއް ނޫނެވެ. "ދެން އޯކޭ" ކަމަށް ބުނެގެންނެވެ. ފުރަތަމަ ބުރުގައި މުއިއްޒު ތިން ވަނައިގައި ހުރުމަށްފަހު، ފަހު ބުރުގައި ކާމިޔާބުކުރި ސަބަބަކީ އެހެން ކެންޑިޑޭޓުންނަށް ވޯޓުދިން މީހުންގެ ދެވަނަ، ތިންވަނަ ނުވަތަ ހަތަރުވަނަ އިހުތިޔާރަށް އޭނާ ވުމެވެ.
ވަރަށް ދިގުކޮށް މި ދެއްކި މިސާލުގެ ހުލާސާއަކީ، ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގައި ބައެއް ފަހަރު އިންތިހާބު ކާމިޔާބުކުރަނީ ވޯޓުދޭ މީހާ ސީދާ ބޭނުންވާ މީހާ ކަމަށް ނުވުމުގެ ފުރުސަތު ބޮޑޭ ދެންނެވުމަށެވެ.
ޕްރިފެރެންޝަލް ވޯޓު ކައުންޓިން އަކީ އުނދަގޫ ކަމެކެވެ. އަމުދުން ރާއްޖޭގެ އިންސާނީ ވަސީލަތުގެ މަދުކަމާއެކު މިއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެހެން ގައުމުތަކުގައި މިކަން ހައްލުކުރަނީ އިލެކްޓްރޯނިކް ސިސްޓަމްތައް ބޭނުންކޮށްގެންނެވެ. ވޯޓު ލާއިރު ކަރުދާހުގައި ފާހަގަ ޖަހައިގެން ވޯޓުލާ ގޮތަށް އޮތަސް، ވޯޓު ގުނާނީ އެކަމަށް ހާއްސަކޮށް ތައްޔާރުކުރެވޭ އާލާތްތައް ބޭނުންކޮށްގެން އިލެކްޓްރޯނިކް ސިސްޓަމުންނެވެ.
ވޯޓު ގުނާން އިލެކްޓްރޯނިކް އާލަތްތައް ބޭނުންކުރުން އެންމެ ރަނގަޅު ކަމަށް ގާނޫނުގައި ލިޔެ ފާސްކޮށްފިނަމަ، ރާއްޖެއަށް ބަލާއިރު އެ ނިންމުން ތަންފީޒުކުރާން އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ރައީސަކާއި ނާއިބުރައީސަކު ހުރި އިލެކްޝަންސް ކޮމިޝަނެވެ.
"ދިވެހިރާއްޖެ 2.0" އަށް މިސްރާބު ހިފާފައި އޮތް ދަނޑިވަޅެއްކަމުގައިވިޔަސް، އަޅުގަނޑުމެންގެ ދައުލަތަކީ އެކަކު އަނެކަކަށް އިތުބާރުކުރުން ކުޑަ ދައުލަތެކެވެ. މިފަދަ ދައުލަތެއްގައި ކާމިޔާބުކަމާއެކު އެ ނިޒާމު ހިންގައި، ނަތީޖާއަކަށް ވާސިލު ނުވެވުމުގެ އިހުތިމާލު ބޮޑެވެ.
އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ޖުމުލަ ހަރަދަކީ 84,760,765ރ. (އަށްޑިހަ ހަތަރު މިލިއަން ހަތްލައްކަ ފަސްދޮޅަސްހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ އެވެ. އޭގެ ތެރެއިން ދެވަނަ ބުރަށް ހަރަދުކުރީ 21,613,674ރ. (އެކާވީސް މިލިއަން ހަސަތޭކަ ތޭރަހާސް ހަސަތޭކަ ހަތްދިހަ ހަތަރެއް) ރުފިޔާ އެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔަކަމުގައިވީ ނަމަވެސް، ފުރަތަމަ ބުރަށް އެ ހަރަދުކުރާ ފައިސާގެ އިތުރުން، އިތުރު 20 މިލިއަނެއްހައި ރުފިޔާ ހަރަދުކުރަންޖެހޭނެ އެވެ. އެއީ، ބޭނުންވާ އާލާތްތައް ގަތުމާއި، ވޯޓު ގުނުމަށް އިތުރު މުވައްޒަފުން ނެގުމާއި، އިތުރު މުއްދަތު ހޭދަވާތީ އެ ދުވަސްތަކަށް ތަންތަނާއި ތަކެތި ކުއްޔަށް ހިފުމާއި، މުވައްޒަފުންނަށް އިތުރު މުސާރަ ދޭންޖެހުން ފަދަ ކަންކަމަށެވެ. އެ ހަރަދުކޮށް ނިމޭއިރު އޮންނާނީ ރިޔާސީ އިންތިހާބަށް އާންމުކޮށް ކޮށްއުޅޭ ހަރަދަށްވުރެ އިތުރަށް ހަރަދުކުރެވިފަ އެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މި ހަރަދުކުރާ 85 މިލިއަނެއްހައި ރުފިޔާއަކީ، ދިވެހި ދައުލަތުގެ އެންމެ އިސްވެރިއަކަށް އިންތިހާބުކުރެވެނީ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ މީހުން ރުހޭ މީހާކަން ކަށަވަރުކުރުމަށްޓަކައި ހަރަދުކުރެވޭ ފައިސާއެކެވެ.
މިއީ ރާއްޖެ ޑިމޮކްރެސީގެ ހަމަތަކުން ހިނގާކަން ކަށަވަރުކުރުމަށް ހަރަދުކުރެވޭ ފައިސާއެކެވެ. އަނެއްކޮޅުން ބަލާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަންޖެހެނީ ހަރަދު ކުޑަކުރުމަށްޓަކައި ކަމަށް މި ބުނަނީ ފަޅުރަށްރަށް ބެލެހެއްޓުމަށް ސްޓޭޓު މިނިސްޓަރު ފެންވަރުގައި ވަޒީފާ އުފައްދައި ހަރަދުކުރާ ސަރުކާރަކުންނެވެ. އެހެންވީމާ ވެސް އެއީ ގަބޫލުކުރެވޭ ވާހަކައަކަށް ނުވެ އެވެ. މި 85 މިލިއަން ރުފިޔާއަކީ ދިވެހި ދައުލަތަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނޫނެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމު ބޭނުންކުރަމުން ގެންދަނީ ވަރަށް މަދު ގައުމުތަކެއްގަ އެވެ. އޭގެ ތެރެއިން ފާހަގަކުރެވޭ އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. އެ ގައުމުގެ ހައުސް އޮފް ރިޕްރެސެންޓެޓިވްއަށް މީހުން އިންތިހާބުކުރުމުގައި މި ނިޒާމު ބޭނުންކުރެ އެވެ.
އެހެންނަމަވެސް އޮސްޓްރޭލިއާގައި މި ނިޒާމާ ދެކޮޅަށް ކުރެވޭ ވަކާލާތުތައް ގިނަ އެވެ. މިއީ "ސީދާ އިހުތިޔާރުކުރާ ކެންޑިޑޭޓު" ހޮވޭ ނިޒާމެއް ނޫންކަން އެއީ މިހާރު ގަދަވެފައިވާ އަޑެކެވެ. ސްރީ ލަންކާގައި އަދި އޮތް ގޮތުން ރައީސަކު އިންތިހާބުކުރަނީ ލިމިޓަޑް ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުންނެވެ. އެ އިންތިހާބުގައި ވޯޓުދޭ މީހާއަށް އިހުތިޔާރު ކުރެވޭނީ ތިން ކެންޑިޑޭޓެވެ.
ރިޔާސީ ނިޒާމަށް އަމަލުކުރާ އެއްވެސް ގައުމެއްގައި، ދައުލަތުގެ އެންމެ އިސްވެރިޔާ އިންތިހާބުކުރުމަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމު ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމަށް ބޭނުންކުރަނީ ޓޫ-ރައުންޑް ސިސްޓަމެވެ. ދުނިޔޭގައި ޑިމޮކްރެޓިކް ހަމަތަކަށް އަމަލުކުރާ ސާޅީހަށްވުރެ ގިނަ ގައުމުގައި އަދިވެސް ބޭނުންކުރަނީ ޓޫ-ރައުންޑް ސިސްޓަމެވެ. ޕްރިފެރެންޝަލް ކަމަށް އެ ވިދާޅުވާ ނިޒާމަށް އަމަލުކުރަނީ އަށެއްކަ ގައުމުން ކަމަށްވާއިރު، އެއްވެސް ގައުމެއްގައި ދައުލަތުގެ އެންމެ މަތީވެރިޔާ ހޮވާކަށް އެ ނިޒާމު ބޭނުމެއް ނުކުރެ އެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ އެންމެ ބޮޑު ފައިދާއެއް ކަމަށް ކިޔައި އުޅެނީ "ވޭސްޓް ވޯޓު" މަދުވުމެވެ. މާނައަކީ ތިބާ ދޭ ވޯޓަކީ ބޭކާރު ވޯޓަކަށް ވެގެން ނުގޮސް، އެ ވޯޓު ވެސް ކޮންމެވެސް އެއް މަރުހަލާއެއްގައި ގުނޭނެ ކަމެވެ.
ދެވަނަ ފައިދާއަކީ ނެގަޓިވް ކެމްޕެއިނިން މަދުވުމެވެ. މި ނިޒާމުގައި ދެވަނަ ނުވަތަ ތިންވަނަ އިހުތިޔާރަކަށް ވުމަކީ ވެސް ފައިދާއެއް ކަމަށްވާތީ އަނެއް ކެންޑިޑޭޓުގެ އަގު ވައްޓާލުމުގެ ބަދަލުގައި ޕޮޒިޓިވް ކެމްޕެއިނިންއަށް މަގުފަހިވެ އެވެ. ތިންވަނަ ފައިދާއެއް ކަމަށް ކިޔަނީ އެންމެ މީހަކަށް ވޯޓު ދިނުމުގެ ބަދަލުގައި ގިނަ ކެންޑިޑޭޓުންނަށް ވޯޓު ދެވޭ ގޮތަށް އޮތުމެވެ.
ދެން އޮތީ މި ނިޒާމުގައި ހުރި އުނި ކަންތައްތަކެވެ. ފާހަގަކުރެވޭ ފުރަތަމަ ކަމަކީ އެ ނިޒާމުގައި ވޯޓު ގުނުމުގައި ދިމާވާ އުނގަދޫތަކެވެ. ހާއްސަ ގޮތެއްގައި މެނުއަލްކޮށް ވޯޓު ގުނާނަމަ، އެތައް ބުރަކަށް ވޯޓު ގުނަންޖެހި އެކަމަށް އެތައް ވަގުތެއް ހޭދަވެ އެވެ. އަދި އެ ގުނުމުގެ ތެރޭގައި ނުބައިކޮށް ވޯޓު ގުނުމުގެ މައްސަލަ ކުރިމަތިވުން ގިނަ އެވެ. ކޮންމެ ކައުންޓިންއެއް ވެސް ކުރިއަށް ގެންދިއުމުގައި ކެންޑިޓޭޓުގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބެންޖެހޭތީ އެ ހުރިހާ އެންމެންގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަވެ، ވޯޓުގެ ނަތީޖާ އިއުލާނުކުރެވުމުގައި ލަސްތަކެއް ކުރިމަތިވާނެ އެވެ.
ދެވަނަ އުނިކަމަކީ މިއީ ވޯޓު ދޭ މީހުންނަށް އޮޅުންފިލުން އުނދަގޫ ނިޒާމަކަށް ވުމެވެ. ހާއްސަ ގޮތެއްގައި އެކި މީހުންގެ ތައުލީމާއި ހޭލުންތެރިކަމުގެ ފެންވަރަށް ބަލާއިރު، ގިނަ ވޯޓުތައް ބާތިލުވުމުގެ ފުރުސަތު ބޮޑެވެ.
ތިންވަނަ ކަމަކީ، ފުރަތަމަ ބުރުގައި އެންމެ ގިނަ މީހުން ތިންވަނައަށް ނުވަތަ ހަތަރުވަނަ އަށް އިހުތިޔާރުކުރާ މީހާއަށް ވެސް އެހެން ކެންޑިޑޭޓުންގެ ކަރުދާހުގެ ދެވަނަ އިހުތިޔާރަށްވެގެން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނަ އޮތުމެވެ. މިގޮތަށް ވުމުން، އެ އިންތިހާބުކުރެވެނީ ހަގީގަތުގައި އިންތިހާބުގެ ދެވަނަ ބުރަށް ދެވޭ ވަރަށް ވެސް ތާއީދު ނެތް މީހެކެވެ.
މި ނިޒާމުގައި އޮންނާނޭ އެންމެ ބޮޑު މައްސަލައަކީ އިންތިހާބުގެ ނަތީޖާ ލިބުން ލަސްވުމެވެ. މިހާރު ނިޒާމު އޮންނަ ގޮތުން، ހަވީރު ވޯޓުފޮށި ބަންދުކުރުމާއެކު، އެރޭ ވަގުތީ ނަތީޖާ ލިބޭނެ އެވެ. ޕްރިފެރެންޝަލް ނިޒާމުގައި ވޯޓުގެ ނަތީޖާ ލިބެން ބައެއް ފަހަރު ދުވަސްތަކެއް ނަގައިފާނެ އެވެ. ހާއްސަކޮށް މެނުއަލްކޮށް ވޯޓު ގުނާނަމަ އެވެ. އެއީ އެތައް ބުރަކަށް ތަކުރާރުކޮށް ވޯޓު ގުނަންޖެހޭތީ އެކަމަށް ހޭދަވާ ވަގުތުގެ ސަބަބުންނެވެ.
ރިޔާސީ އިންތިހާބުގައި ޕްރިފެރެންޝަލް ވޯޓިންއަށް ދާންޖެހޭ ހެޔޮ ސަބަބެއް ނުފެނެ އެވެ. ރާއްޖޭގައި ރައީސަކު އިންތިހާބުކުރުމަށް މިހާރު މިއޮތް ނިޒާމަކީ ދުނިޔޭގައި އެންމެ މަގުބޫލު ނިޒާމެވެ. އެ ނިޒާމަށް އަޅުގަނޑުމެން އިތުރު ބަދަލެއް ގެންނަންވާނީ ވަރަށް ފުޅާ ދިރާސާތަކެއްކޮށް، ބަހުސްކުރުމަށްފަހުގަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބިލެއް ހުށަހެޅުއްވީމާ މަދުގަޑިއިރެއްގެ ތެރޭގައި ގާނޫނުއަސާސީއަށް އެ ބަދަލު ގެންނަ ނަމަ އެއީ ހެޔޮނިޔަތެއް އޮވެގެން، ހެޔޮމަގުން ގެނެވޭ ބަދަލަކަށް ނުވާނެ އެވެ. މިހާރު ގާނޫނުއަސާސީގައި އޮތް ގޮތުން އެފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކަމުގައިވީ ނަމަވެސް އެ އިސްލާހަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންޖެހެ އެވެ.
އެފަދަ ވޯޓަކަށް އަހަންވާނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ކޮބައިކަން ރައްޔިތުންގެ އެންމެންނަށް އޮޅުންފިލުވައި ދިނުމަށްފަހުގަ އެވެ. އެކަމާމެދު ވިސްނައި ފިކުރުކޮށް، އެ ނިޒާމަށް އަމަލުކުރަމުން ގެންދާ ގައުމުތަކުގެ އަދަދާއި، އޭގެ ނަތީޖާ އާއި، ރާއްޖޭގައި އެ ނިޒާމު ބައްޓަންކުރާން ރާވާ ގޮތަކާއި، މި ހުރިހައި މައުލޫމާތުތަކާއެކު ރައްޔިތުން ހޭލުންތެރިކުރުވުމަށްފަހުގައި މެނުވީ ތި ބަދަލު ގެނައުމުގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ.
ޕްރިފެރެންޝަލް ވޯޓިން: ރައްޔިތުންގެ ސީދާ ވޯޓުން ރައީސަކު އިންތިހާބުކުރުން ނިމުމަކަށް! ޕްރިފެރެންޝަލް ވޯޓިން: ރައްޔިތުންގެ ސީދާ ވޯޓުން ރައީސަކު އިންތިހާބުކުރުން ނިމުމަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ