އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ އަމިއްލަ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިއްޔެ ދިއްލީގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
އެ ބައްދަލުވުން ބޭއްވީ އެމެރިކާގެ ޑިއުޓީ ޓެރިފްތަކުން އެއްކިބާވެ، ވޮޝިންޓަނާ އެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ނިއު ދިއްލީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މޯދީ ވެންސްއާ ބައްދަލުކުރެެއްވީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ މޯދީ ދިރިއުޅުއްވާ ގެކޮޅުގަ އެވެ. މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކިއެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ އެ ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ހަކަތަ އާއި ދިފާއީ އަދި ސްޓްރެޓެޖިކް ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވައި ކުރިއަށް އޮތް މަގެއްގެ ގޮތުގައި މަޝްވަރާ އާއި ޑިޕްލޮމެސީ ގެންގުޅުމަށް އެދިވަޑައިގަތެވެ. ނިއު ދިއްލީން މީގެ ކުރިން ވެސް ވަނީ ޔޫކްރެއިންގެ ހަނގުރާމައަށް މި ފޯމިއުލޭޝަން ބޭނުންކޮށްފަ އެވެ.
ޓްރަމްޕްގެ ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ވިޔަފާރީގެ ދާއިރާއިން އިތުރަށް މަޝްވަރާކުރެވޭނެ މަގުޗާޓަކަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ވެންސްގެ އަނބިކަނބަލުން އުޝާ އަކީ އިންޑިއާއިން އެމެރިކާއަށް ހިޖުރަ ކުރި އާއިލާއެއްްގެ އަންހެން ދަރިއެކެވެ.
މޯދީ އާއި ވެންސް ވަނީ މިދިޔަ ފެބްރުއަރީ މަހު މޯދީ އެމެރިކާއަށް ކުރެއްވި ދަތުރަށް ފަހު ދެކެވިފައިވާ ވާހަކަތަކުގެ ކުރިއެރުން ދިޔަ ގޮތް ދެ ބޭފުޅުން ބައްލަވާލައްވާފަ އެވެ. އޭގެ ތެރޭގައި ދެ ފަރާތުގެ ވިޔަފާރީގައި "އިންސާފުވެރިކަން" އޮތުމާއި ދިފާއީ ޕާޓްނާޝިޕް އިތުރުކުރުން ހިމެނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރަކީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ދުނިޔޭގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން އެތެރެކުރާ މުދަލުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މުދަލުން ނަގާ ޓެރިފް ކަނޑާލުމަށް އޭނާގެ ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. މިދިޔަ އަހަރު އެމެރިކާއިން އިންޑިއާއަށް އެތެރެ ކުރި މުދަލުގެ އަގު 41.8 ބިލިއަން ޑޮލަރަށް އަރަ އެވެ.
އެމެރިކާއަކީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށާއި 2024 ވަނަ އަހަރު އެ ދެ ގައުމުގެ ވިޔަފާރީގެ އަދަދު 129 ބިލިއަން ޑޮލަރަށް އަރަ އެވެ. އިންޑިއާއަށް 45.7 ބިލިއަން ޑޮލަރުގެ ސާޕްލަސްއެއް ލިބިފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މޯދީ އެމެރިކާގެ ނައިބު ރައީސްއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ