ސަރުކާރުން މި ޖެހުނީ މާސިންގާ 'ސްކޭމެއް'ގައިތަ؟
ސަރުކާރުން އާދަޔާހިލާފު މަޝްރޫއެއް އޮތީ އިއުލާނުކޮށްފައެވެ. ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ ބޮޑު ކުންފުންޏަކާ އެކު ވަރުގަދަ މަޝްރޫއެއް ކަމަށް އޮތީ ބުނެފައެވެ. އިސްކޮށް ހުންނަވާތީ ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި ނުވަ ބިލިއަނެއްހާ ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެކެވެ. އެއީ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގާއިމުކުރަން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ހެދި އެއްބަސްވުމެވެ. ސަރުކާރުން އިއުލާނުކުރި ގޮތުގައި އެއީ، 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. ހިސާބު އަކުރުން ބުނެލީމާ އޭގެ ބޮޑުކަން ނޭނގިދާނެއެވެ. އެކަމަކު، ދިވެހި ޖީޑީޕީއަކީ ވެސް 6.59 ބިލިއަން ޑޮލަރެވެ. މި ދައްކަނީ ގައުމުގެ ނިސްބަތުން ތާރީޚުގައި ލިޔާވަރުގެ ބިޔަ ބޮޑު މަޝްރޫއެއްގެ ވާހަކައެވެ. ކުރިން ނުހިންގާވަރުގެ އިންވެސްޓްމަންޓެކެވެ. އާދައިގެ ބަހުން ބުނާނަމަ ރާއްޖެއަށް ވުރެ ވެސް ބިޔަ މަޝްރޫއެކެވެ. އެ އަދަދުގެ ބޮޑުކަން ވަޒަންކޮށްލާށެވެ. އެއީ، ބޭންކް ރޭޓްގައި ބެލިޔަސް 135 ބިލިއަނެއްހާ ރުފިޔާއެވެ. ރާއްޖޭގެ މި އަހަރުގެ ބަޖެޓަކީ ވެސް 56.6 ބިލިއަން ރުފިޔާއެވެ. މާލީ ފްރީ ޒޯންގެ ކުރެހުމެއް: މިއީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ސަރުކާރުން އަންނަނީ އިޝްތިހާރުކުރަމުން -- ފޮޓޯ/ ރައީސް އޮފީސް އެމްއައިއެފްސީން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅީގެން ގާއިމުކުރާ މާލީ 'ފްރީ ޒޯން'ގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކާކަށް ވެސް ނުޖެހޭނެއެވެ. ވަކި މުއްދަތެއްގައި އެ ތަނުގައި ދިރިއުޅެން ވެސް މަޖުބޫރެއް ނުވާނެއެވެ. އެ ތަން ގާއިމުކުރަނީ ޖުމުލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. ޖުމުލަ 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭ ގޮތަށް ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެންނެވެ. އެ ވަރުގެ ބޮޑު މަޝްރޫއެއްވީމާ ނިންމާލެވޭނީ ވެސް 2030 ގައި ކަމަށް ސަރުކާރުން ބުންޏެވެ. މަޝްރޫއުގެ ބޭނުންތަކުގެ ތެރޭގައި ލިސްޓުކޮށްފައިވަނީ: މާލީ ޓެކްނޮލޮޖީއާއި މާލީ އިދާރާތަކުގެ ސަމާލުކަން ހޯދުން ބޭރު ފަރާތްތަކަށް މުދާ މިލްކު ކުރުމުގެ ފުރިހަމަ ފުރުސަތު ދިނުން ކުންފުނިތަކާއި މުދަލުން ޓެކްސް ނުނެގުން ގްރީން ފައިނޭންސް އަދި ޑިޖިޓަލް އެސެޓްތަކަށް އެހީތެރިވުން މުޅިން އިއާދަކުރަނިވި ހަކަތައިން ހިންގުން ފަސްވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް އާމްދަނީ ހޯދުން ފަތުރުވެރިކަމުގެ އިތުރުން އިގުތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުން މަޝްރޫއުގެ ކުރެހުމެއް: މިއީ ރާއްޖޭގައި ނުހިންގާވަރުގެ ބިޔަ މަޝްރޫއެއް -- ފޮޓޯ/ ރައީސް އޮފީސް މާލީ 'ފްރީ ޒޯން'އަކީ ކޮބާ؟ މާލީ ފްރީ ޒޯނަކީ މާލީ ކަންކަން ކުރިއަރުވަން ޚާއްސަ ޓެކްސް ރޭޓުތަކެއްގައި ނުވަތަ ޓެކްސް ނުނަގައި ގޮތަށް ގާއިމުކުރާ ތަނެކެވެ. އެކަން ކުރަނީ އިންވެސްޓްމަންޓާއި ބައިނަލްއަގުވާމީ ވިޔަފާރި އިތުރުކުރާށެވެ. އެ ފަދަ ތަންތަން ޚާއްސަކޮށްފައި ހުންނަނީ މާލީ ކަންކަމަށެވެ. އޭގެ ތެރޭގައި، ބޭންކިންއާއި އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި އިންޝުއަރެންސް ފަދަ ކަންކަން ހިމެނެއެވެ. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ހުންނަ ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ އެ ފަދަ އެންމެ ކާމިޔާބު އެއް ތަނެވެ. ގޮތް ނޭނގޭ ކުންފުންޏެއް، ރަޖިސްޓްރީ ވެސް މުއްދަތު ހަމަވެފައި ގަތަރުގެ މި ޝާހީ ބޭފުޅާގެ ކުންފުނި ހިންގަނީ ޔޫއޭއީގައެވެ. އެ ކުންފުނީގެ ރަސްމީ ވެބްސައިޓު ބުނާ ގޮތުން އެ ކުންފުނި ގަތަރުގައި ނުހިންގައެވެ. އެ ވެބްސައިޓުގައި ވާގޮތުން އެ ކުންފުނި ހިންގަނީ ޔޫއޭއީ، އިނގިރޭސިވިލާތް، އިންޑިއާ އަދި މެލޭޝިއާގައެވެ. އެކަމަކު، 'ސަން'އިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުންފުނިން ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮތީ ޔޫއޭއީގައެވެ. އެކަން ކުރީ ނޮވެންބަރު 15، 2022 ގައެވެ. އެ ކުންފުނިން ލީގަކް އެންޓިޓީ އައިޑެންޓިފަޔާ (އެލްއީއައި) ހޯދީ ޖަނަވަރީ 17، 2024 ގައެވެ. އެއީ، މާލީ މުއާމަލާތްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކުން ރަޖިސްޓްރީކުރަންޖެހޭ އެއްޗެކެވެ. އެމްބީއެސް ގްލޯބަލްގެ ރަޖިސްޓްރީ މުއްދަތު ހަމަވެފައި -- އެ ރަޖިސްޓްރީ ވެސް މި އަހަރުގެ ޖަނަވަރީގައި އޮތީ މުއްދަތު ހަމަވެފައެވެ. އެ ފަދަ ލިޔެކިޔުންތައް ހުރިތޯ ޔަގީންކުރަން ބޭނުންކުރާ އެންމެ އިތުބާރު ހުރި މަސްދަރުތަކުން އެކަން ޔަގީންވެއެވެ. ސުވާލަކީ، ތާރީޚީ 8.8 ބިލިއަން ޑޮލަރުގެ އެއްބަސްވުން ރަޖިސްޓްރީ އާނުކުރާ ކުންފުންޏަކާ އެކު ހެދީ ކީއްވެތޯއެވެ؟ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ވެބްސައިޓުގައި ވާގޮތުން އެ ކުންފުންޏަކީ ކުރިން ފާހަގަކުރި ހަތަރު ގައުމުގައި 14 ބިލިއަން ޑޮލަރުގެ މުދަލާއި އިންވެސްޓްމަންޓް ހިންގާ ބައެކެވެ. އެކަމަކު، އެހެން ބުނުން ފިޔަވާ އިތުރު އެއްވެސް ހެއްކެއް ނެތެވެ. ހަމައެކަނި އޮތީ އެ މީހުން ބުނާ ބުނުމެކެވެ. ނިންމި އެއްވެސް މަޝްރޫއެއްގެ ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. އެކިއެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން ވެސް އެ ކުންފުނިން ކާމިޔާބުކަމާ އެކު ނިންމާލާފައި އޮތް މަޝްރޫއެއް ނުފެނުނެވެ. ފެންނަނީ 'ފޮނި ވާހަކަ'ތަކެކެވެ. ޖުމުލަ 14 ބިލިއަން ޑޮލަރުގެ މާސިންގާ ކުންފުންޏެއްކަމަށް ދައުވާކުރި ނަމަވެސް އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކެއް އެ ކުންފުނިން އާންމުކޮށްފައެއް ނުވެއެވެ. އެ ބިޔަ ކުންފުނީގެ ސީއެފްއޯއަކީ ފިލްމު ހަދާ މީހެއް އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައި ބުނާ ގޮތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ނުވަތަ ސީއެފްއޯއަކީ ނިކް ތާލޯއެވެ. އޭނާއަކީ ފިލްމު ޕްރޮޑިއުސަރެކެވެ. މާލީ ދާއިރާގެ ތަޖުރިބާކާރެއް ނޫނެވެ. ނިކްގެ ފިލްމުތަކުގެ ތެރޭގައި 2020 ވަނަ އަހަރު ރިލީޒްކުރި 'ވަން ނޭޝަން އަންޑާ ގޯޑް' އާއި 2019 ވަނަ އަހަރު ރިލީޒްކުރި 'ކިޑް' ހިމެނެއެވެ. ޖުމުލަ 70 އަށްވުރެ ގިނަ ފިލްމުގައި އޭނާ މަސައްކަތްކޮށްފައިވެއެވެ. އެ ކުންފުނީގެ ސީއެފްއޯ ނިކް (ވ): އޭނާއަކީ ފިލްމު ޕްރޮޑިއުސަރެއް މިލިއަނުން ދަރާފައި އޮތް ފެނަކައިގެ ސީއެފްއޯއަކަށް ވެސް ވެވެނީ މާލީ ދާއިރާގެ ބޭފުޅަކަށެވެ. އެކަމަކު، މި ބިލިއަން ޑޮލަރުގެ ކުންފުނީގެ ސީއެފްއޯއަކީ ފިލްމު ޕްރޮޑިއުސަރެކެވެ. ސީދާ މާލީ ދާއިރާގެ ތަޖުރިބާ ނެތް ނަމަވެސް ނިކްއަކީ އިނގިރޭސިވިލާތުގެ ބައެއް ކުދިކުދި ކުންފުނިތަކުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއްކަން ވަނީ އެނގިފައެވެ. އިތުބާރު ހިފޭ މާލީ ތަޖުރިބާއެއް ހުރިކަން ވެސް އެނގޭކަން ނެތެވެ. އެކަމަކު، އެއީ ވެސް މި ފަދަ ކުންފުނިތަކެކެވެ. އެއީ، މާލީ ދާއިރާގެ ތައުލީމެއް ނެެތް ބޭފުޅެކެވެ. އެ ފަދަ އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް ފެންނާކަށް ނެތެވެ. އެހެންވެ، އެނގެން ހުރި ސައްހަކަން ކަށަވަރުކުރެވޭ މައުލޫމާތުން އޭނާއަކީ އެ ވަރުގެ ކުންފުންޏެއްގެ ސީއެފްއޯ ކަމަށް ކުފޫހަމަވާ މީހެއް ނޫނެވެ. ކުންފުނީގެ ފަސްފަހަތް، ނިންމި މަޝްރޫއެއް ނެތް އެ ކުންފުންޏަކީ ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީގެ ކުންފުންޏެކެވެ. އޭނާއަކީ ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެތައް ހާސް މެންބަރުންނެއް ހިމެނޭ އެ ޝާހީ އާއިލާއާއި އޭނާގެ ގާތްކަން އެނގޭ ރަސްމީ ލިޔެކިޔުންތަކެއް ފެންނާކަށް ނެތެވެ. ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް އޭނާ ގަތަރުގެ އެއްވެސް މަތީ މަގާމެއް އަދާކޮށްފައެއް ވެސް ނުވެއެވެ. އެމްއައިއެފްސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ކުންފުންޏާ ގުޅޭ ޝައްކުކުރެވޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި --- ފޮޓޯ/ ރައީސް އޮފީސް ގިނަ މަޝްރޫއުތަކާއި ނަލަ ކުރެހުންތައް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ވެބްސައިޓުގައި ދެއްކި ނަމަވެސް އެއިން އެއްވެސް މަޝްރޫއެއް ނިންމިފައެއް ނުވެއެވެ. އެ ކުންފުނިން ނިންމާފައިވާ އެއްވެސް މަޝްރޫއެއްގެ ރަސްމީ ލިޔެކިޔުމެއް ނުވަތަ ހެއްކެއް ނެތެވެ. ނޮވެންބަރު 15، 2022 ގައި އުފެއްދި އެ ކުންފުނީގެ ފަސްފަހަތުގައި އޮތީ ފޮނި އަނގައެވެ. މި ފަދަ ގޮތް ނޭނގޭ ކުންފުންޏަކާ އެކު މާސިންގާ ބޮޑު މަޝްރޫއެއް ސޮއިކުރީމާ އުފެދޭ އެތައް ސުވާލެއް އެބަހުއްޓެވެ. މި މަޝްރޫއު އިއުލާނުކޮށް، ސޮއިކޮށް، ބިންގާ އެޅުމުގެ ކުރީގައި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލިތޯ، އެ ކުންފުންޏާ ގުޅޭ ގޮތުން ހޯދި ހޯދުންތަކަކީ ކޮބައިކަން ސަރުކާރުން ހާމަކޮށްދޭން ޖެހެއެވެ. ރަޖިސްޓްރީ މުއްދަތް ހަމަވެފައި އޮތް ކުންފުންޏަކާ އެކު މި ވަރުގެ މަޝްރޫއަކަށް ސޮއިކުރީ ކީއްވެތޯ ވެސް ސަރުކާރުން ސާފުކޮށްދޭން ޖެހެއެވެ. https://sun.mv/205599 ޝައްކު ކުރެވޭ އެތައް ކަމެއްގެ ތެރެއިން ހަދާފައި މި އޮތް އެއްބަސްވުން ވެސް ސަރުކާރުން ހާމަކުރަން ޖެހޭނެއެވެ. މި 'ވަރުގަދަ' ވިޔަފާރީގެ އަގުމަގާއި ހިސާބު ރައްޔިތުން ވެސް މިހާރު ބަލަން ބޭނުންވާނެއެވެ. އެކަމަކު، އެ ސުވާލުތައް 'ސަން'އިން މާލީ ވަޒީރު މޫސާ ޒަމީރާ ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައެވެ. އެނގެން ހުރި، ސައްހަކަން ޔަގީންވާ މައުލޫމާތުން މި 'މާސިންގާ' ކުންފުންޏާ މެދު އުފެދެނީ ވަހުމާއި ޝައްކެވެ. "އަންނާނެ ނައިޖީރިއާ ޕްރިންސުން ވެސް. އައިސް ބޮޑެތި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓޭ ކިޔާނީ. އެކަމަކު، ޑިއު ޑިލިޖެންސް ހަދާލީމާ އެނގޭނީ އެއީ ހުސް ސްކޭމް އާޓިސްޓުންކަން. ކުރީ ސަރުކާރުތަކުގައި އޭގެ މީހުން އާދޭ. ތަފާތަކީ އޭރު އަންނަހާ މީހަކާ އެއްކޮށް މި ކަހަލަ 'ބިޔަބޮޑު' ކަންކަން އިއުލާނުކޮށް ނުހަދާނެ. ވާނުވާ ބަލާނެ،" ސަރުކާރު ހިންގުމުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު ކިޔައިދެއްވިއެވެ. ފެންނަ ފެނުމަށް މިއީ ވެސް އެ ފަދަ 'ސްކޭމް'އެކެވެ. މި މުއާމަލާތުގެ ހުރިހާ ތަފުސީލުތައް ސަރުކާރުން ހާމަކުރަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ