ޔުނައިޓެޑާއި ޓޮޓެންހަމް ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑާއި ޓޮޓެންހަމް ޔޫރޮޕާ ލީގުގެ ފައިނަލަށް

މެންޗެސްޓާ (މެއި 9) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ސްޕެއިންގެ އެތުލެޓިކް ކްލަބްގެ މައްޗަށް 7-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދާއި، މެންޗެސްޓާ ޔުނައިޓެޑް ފައިނަލަށް ދިޔައިރު، ޓޮޓެންހަމުން ނޯވޭގެ ބޯޑޯ/ގިލްމްގެ މައްޗަށް 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން އެތުލެޓިކްގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 4-1 ގެ ނަތީޖާ އަކުންނެވެ. ޔުނައިޓެޑުން ފުރަތަމަ ލެގުގައި، މިދިޔަ ހަފްތާގައި އެތުލެޓިކްގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 31 ވަނަ މިނިޓްގައި އެތުލެޓިކުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މިއީ އޭރިއާ ބޭރުގައި ހުރެ މިކޭލް ޖޯރެގިޒޭ ޖެހި ގޯލެކެވެ. މި ލަނޑަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެ ގޮތުން އަލަކްސަންޑަ ގަނާޗޯ އޭރިއާ ބޭރުން މުޅިން ހުހަށްހުރެ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިކައިރިން ދިޔައީ ބޭރަށެވެ.
މި މެޗުގެ ނަތީޖާ ޔުނައިޓެޑުން ހަމަހަމަކުރީ މެޗުގެ 72 ވަނަ މިނިޓްގައި މޭޝަން މައުންޓް ޖެހި ގޯލުންނެވެ. އަދި އޭގެ ހަ މިނިޓް ފަހުން ތަޖުރިބާކާރު މިޑްފިލްޑަރު ކަސެމީރޯ ވަނީ ގޯލު ޖަހާ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ.
ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ 85 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ރަސްމުސް ހޮއިލުންޑް އެވެ. އަދި ހަތަރު ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މައުންޓް އެވެ.
މީގެ އިތުރުން ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ޓޮޓެންހަމް އިން ބޯޑޯ ގިލްމްގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ. ޓޮޓެންހަމުން ކުޅުނު ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ދެ ގޯލު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 63 ވަނަ މިނިޓްގައި ޓޮޓެންހަމް އަށް ލީޑު ނަގައިދިނީ ޑޮމެނިކް ސޮލާންކޭ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދިނީ ޕެޑްރޯ ޕޮރޯ ޖެހި ގޯލުންނެވެ.
ޕްރިމިއާ ލީގުގެ 15 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި 16 ވަނައިގައި އޮތް ޓޮޓެންހަމް ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުން މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ އެވެ. ފައިނަލް މެޗު ކުޅޭނީ މި މަހު 22 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ