މިސްރުގައި ޢީދު ޤުރުބާނީއަށް އެންމެ ކަމުދަނީ ޖަމަލު

އަޟުޙާ ޢީދުގައި ޤުރުބާންކުރަން އެންމެ ގިނައިން މީހުން ކަތިލަނީ ބަކަރިއާއި ކަންބަޅިއެވެ. ގެރި ކަތިލާ މީހުން ވެސް އުޅެއެވެ. އެހެނަސް ޖަމަލު ކަތިލަނީ މަދުންނެވެ. އަންނަ ހުކުރު ދުވަހު މި އަހަރުގެ އަޟުޙާ ޢީދު ދުވަސް ފާހަގަކުރަން މުސްލިމުން ތައްޔާރު ވަމުން އަންނައިރު މިސުރުގައި ތިބި ގިނަ ބަޔަކު އެ ތިބީ ޖަމަލު ޤުރުބާންކުރަން ތައްޔާރުވެގެންނެވެ. މިސްރުގެ ބައެއް މީހުންނަށް ޤުރުބާންކުރަން އެންމެ ކަމުދަނީ ޖަމަލެވެ. ޖަމަލެއް ޤުރުބާންކުރެވުމުން ނޫނީ ޢިދު ޢީދަކަށް ވާ ކަމުގައި އެ މީހުން ނުދެކެއެވެ. ޤާހިރާގެ ހުޅަނގު އުތުރުގައި އޮންނަ ބިރުޤަޝް ބާޒާރަށް މިހާރު ތަނަވަސްކަމުގެ އަހުލުވެރިން ޖަމާވެ ވިޔަފާރިކުރަމުން އަންނަނީ ޖަމަލު ގަތުމަށެވެ. އެފްރިކާއިން މި ބާޒާރަށް ވަރަށް ގިނަ ނަޢަމް ސޫފި ގެނެއެވެ. ބާޒާރުން އެންމެ ހަރުކޮށް އިވޭ އެއް އަޑަކީ "ކަންބަޅިއެއް ނޫނޭ، ޖަމަލެކޭ! ޖަމަލެކޭ!" މިހެން ގޮވާ އަޑެވެ. މިސްރުގެ މި ބާޒާރަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ޖަމަލު ބާޒާރެވެ. އެ މީހުން ބުނަނީ މިއީ ކަރުދާހުގެ ލިޔުމާ ނުލައި އެންމެ ޝަރަފުވެރިކަމާ އެކު ވިޔަފާރިކުރާ ބާޒާރުކަމުގައެވެ. ބޭރު ޤައުމުތަކުގެ ކޮންމެ މީހަކު އޭނާގެ ޖަނަވާރުތައް ގޮވައިގެން މި ބާޒާރަށް އަޔަސް އެ މީހެއްގެ މުދަލަށް ފުރިހަމަ ރައްކައުތެރިކަން އޮންނާނެކަން ހުރިހާ އެންމެން ވެސް ދަންނާނެ ކަމަށް އެ މީހުން ބުނެއެވެ. ޖަމަލު ގެންގުޅޭ މީހުން ބުނާ ގޮތުގައި ގެރިއާއި ބަކަރީގެ ބަރުދަން އިތުރުކުރަން، އެ ތަކެއްޗަށް ހޯމޯން އިންޖެކްޝަން ޖަހައެވެ. އެހެނަސް ޖަމަލަށް އެ އިންޖެކްޝަން ނުޖަހައެވެ. ޖަމަލު ބަޒާރުގައި މިހާރު ވިއްކަމުން ދަނީ 35،000 މިސުރު ޕައުންޑުން ފެށިގެން ގޮސް 65،000 މިސްރު ޕައުންޑާ ދޭތެރޭގެ އަގުތަކުގައެވެ. އެއީ ގާތްގަނޑަކަށް 700 ޑޮލަރާއި 1300 ޑޮލަރާ ދެމެދުގެ އަގުތަކެކެވެ. އަޟުޙާ ޢީދުގައި ޤުރުބާނީ ކަތިލުމަކީ ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު ކުރަންވާނެ، ގަދަވެގެންވާ ސުންނަތެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މި ކަން ކުރުމަށް މާ ފަސޭހަ ނުވިއެއްކަމަކު ވަރަށް ގިނަ މީހުން މި ކަން ކުރުމަށް ޝައުޤު ހުރެއެވެ. އަދި ބައެއް މީހުން ވަރަށް އަގުބޮޑުކޮށް ބަކަރި ގަނެގެން ޤުރުބާންކުރެއެވެ. އަނެއް ބަޔަކު ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ކިޔަވާކުދީންނަށް ފައިސާ ފޮނުވައިގެން އުޟުޙިޔާ ކަތިލައެވެ. މިއީ ދިރުވައި އާލާ ކުރަންޖެހޭ ސުންނަތެކެވެ. މި ކަމަކީ އިބްރާހީމުގެ ފާނުގެ ސުންނަތެކެވެ. އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު، ޤުރުބާންކުރާތީ ހުވަފެންފުޅުގައި ދެކެވަޑައިގެން, އެ ދެކެވަޑައިގަތުން ތަންފީޒުކުރައްވަން އުޅުއްވި ވަގުތު މާތް ﷲ އުޑުން ކަންބަޅިއެއް ފޮނުއްވެވިއެވެ. އަދި އިސްމާޢީލުގެ ފާނުގެ ބަދަލުގައި އެ ކަންބަޅި ޤުރުބާންވުމަށް އިރާދަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ