ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވާން ހުޅުވައިލައިފި ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވާން ހުޅުވައިލައިފި

ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އޭދަފުށީގައި ބާއްވާ "ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން" ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ހުޅުވައިލައިފި އެވެ.
މި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ރިވައިވަލް ސްޕޯޓްސް އިން ސިލްސިލާ ގޮތެއްގައި އޭދަފުށީގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ ފުރަތަމަ މުބާރާތް މިދިޔަ އަހަރު އޭދަފުށީގައި ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފަ އެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 25-28 ގެ ނިޔަލަށް އޭދަފުށި ޒުވާނުންގެ މަރުކަޒު ކޯޓުގަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާއިރު، ބައިވެރިވުމުގެ ކަންކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް، އިބްރާހިމް ޝަހީދު (7918361) އާއި މުހައްމަދު އާރިފް (7900450) އާ ގުޅައިގެން ކުރިއަށްގެންދިއުމަށް ރިވައިވަލް އިން އެދެ އެވެ.
މި ފަހަރުގެ މުބާރާތުގައި މި ފަހަރު، ކުރިއަށް ދާނެ އިވެންޓްތަކަކީ އަންޑަ 9، 11، 13، 15، 17 އަދި 19 ފިރިހެން އަދި އަންހެން ސިންގަލްސް، އަންޑަ 11، 13، 15، 17 އަދި 19 އަންހެން އަދި ފިރިހެން ޑަބަލްސް އެވެ.
ރިވައިވަލް އިން މިދިޔަ އަހަރު އޭދަފުށީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 150 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
ރިވައިވަލް އިން އަންނަނީ ދުރު ރާސްތާގެ ބޮޑު ޕްލޭނަކާއެކު، އޭދަފުށީގައި އެ ކްލަބްގެ އެކަޑަމީ އެއް ހިންގަމުންނެވެ. އެެކަޑަމީގެ މަސައްކަތުގެ ނަތީޖާ ރަނގަޅުކޮށް ފެންނައިރު، ރާއްޖޭން ބޭރުން ތަމްރީނު ހޯދަމުން ވެސް ދެ އެވެ. އަދި، ރިވައިވަލް އޭދަފުށި އެކަޑަމީގެ ކުޅުންތެރިން ވަނީ އައްޑޫ އާއި މާލޭގައި ބޭއްވި މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
ރިވައިވަލް އިން ވަނީ، "ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް" ގެ ނަމުގައި ރިސޯޓު މުވައްޒަފުންނަށް އަމާޒުކޮށްގެން ވެސް އޭދަފުށީގައި މުބާރާތެއް ކުރިއަށްގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ