30 މިލިއަން ޕައުންޑުގެ އަގަކަށް ޑެލަޕް ޗެލްސީއަށް ސޮއިކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުން ރެލިގޭޓްވި ވިޕްސްވިޗް ޓައުންއަށް ކުޅެމުންދިޔަ ލިއަމް ޑެލަޕް ޗެލްސީއަށް ސޮއިކޮށްފިއެވެ. ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑެލަޕް ޗެލްސީއަށް ސޮއިކޮށްފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. ޗެލްސީން އެޓީމަށް ޑެލަޕް ގެންގޮސްފައި ވަނީ އިޕްސްވިޗްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައިވާ ރިލީސް ކްލައުސް އެކްޓިވޭޓް ކޮށްގެންނެވެ. އުމުރުން 22 އަހަރުގެ ޑެލަޕް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސްލް ޔުނައިޓެޑް އަދި އެވަޓަން އިން މަސައްކަތް ކުރިއެވެ. ޑެލަޕް ވަނީ ނިމިދިޔަ ސީޒަންގައި ކުޅުނު 37 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ. މެންޗެސްޓާ ސިޓީ އެކަޑަމީން ފާހަގަވި ޑެލަޕް މިދިޔަ ސީޒަންގައި އޮޕްސްވިޗްއަށް ބަދަލުވުމުގެ ކުރިންވަނީ ލޯން އެއްބަސްވުސްވުންތަކުގެ ދަށުން ސްޓޯކް، ޕްރެސްޓަން އަދި ހަލް ސިޓީއަށް ކުޅެފައެވެ. މިދިޔަ ސީޒަންގައި ޑެލަޕް އިޕްސްވިޗްއަށް ބަދަލުވެފައިވަނީ 20 މިލިއަން ޕައުންޑްގެ އަގަކަށެވެ. ސިޓީ އާއެކު އިޕްސްވިޗް ހެދި އެއްބަސްވުމުގައި އޭނާ އަނބުރާ ގަތުމުގެ ފުރުސަތު ސިޓީއަށް ހުޅުވިފައިވީ ނަމަވެސް ސިޓީން ވަނީ އެމާއްދާގެ ބޭނުން ނުހިފުމަށް ނިންމާފައެވެ. މިއާއެކު އިންގްލަންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ބަދަލުގައި މިމަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވާލްޑް ކަޕްގައި ވާދަކުރާ ޗެލްސީ ޓީމުން ޑެލަޕް ފެނިގެންދާނެކަމަށް ބެލެވެއެވެ. ޑެލަޕް ޗެލްސީއަށް ބަދަލުވުމުން އޭނައާއެކު ސިޓީ އެކަޑަމީގައި އެކުގައި ކުރިން ކުޅުނު ބައެއް ކުޅުންތެރިންނާއެކު އަނެއްކާވެސް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. މިގެތެރޭގައި ކޯލް ޕާމާ، ރޯމިއޯ ލޭވިއާ އަދި ޓޮސިން އަޑަރަބިއޯޔޯ ހިމެނެއެވެ. މީގެއިތުރުން ސިޓީގެ އެކަޑަމީގައި ޑެލަޕް އާއެކު ޗެލްސީގެ މިހާރުގެ ކޯޗު އެންޒޯ މަރެސްކާވެސް ވަނީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ޑެލަޕް ބުނީ އޭނާއަށް ޗެލްސީގެ ކުޅުން ވަރަށް ކަމުދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ