ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި ކޮމިޝަނަށް އިހުތިރާމް ނުކުރާ ކަމަށް ބުނެ، އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޒީނިޔާ މިދިޔަ މަހުގެ 25ގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޒީނިޔާ ވަކިކުރީ:
އެ ކޮމިޝަންގެ މެންބަރުންނާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެތަނުގެ މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް
އެ ޕެޓިޝަންގައި އެސްޖީއާ އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދާކަން ފާހަގަކޮށްފައިވޭ
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ބްރޯޑްކޮމްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 23ގެ ނިޔަލަށެވެ. އެގޮތުން:
މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނާނީ އެ ކޮމިޝަނުގެ ކައުންޓަރުން
މަގާމަށް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް ސްކްރީންކުރުމަށްފަހު، ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު
ތަފްސީލް - ބްރޯޑްކޮމްގެ އިއުލާންގައި ވާގޮތުން އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25އާ 55 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ މަގާމަށް މީހަކު ހޮވުމުގައި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ހޯދާފައިވާ ތައުލީމާ، ތަޖުރިބާއަށް ބަލާނެ ކަމަށް ވެސް އިއުލާންގައި ވެއެވެ.
އެސްޖީ މަގާމުގައި ހުންނަ މީހަކަށް މުސާރައިގެ ގޮތުގައި މަހަކު 36،200ރ ލިބޭނެ އެވެ. އެއީ:
އަސާސީ މުސާރަ - 20,500ރ
ލިވިން އެލަވަންސް 15،000ރ
ފޯނު އެލަވަންސް - 700ރ
މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ވެސް ލިބޭނެ
އިއުލާންގައި ވާގޮތުން އެސްޖީގެ މަގާމުގައި ހުންނަ މީހެއްގެ މަސައްކަތުގެ ފެންވަރު އެ ކޮމިޝަނުގެ މެމްބަރުން ކަނޑައަޅާ މިންގަނޑެއްގެ މަތިން، ކޮންމެ އަހަރަކު ވެސް ވަޒަންކުރާނެ އެވެ. ފެންވަރު ވަޒަންކުރާނެ ގޮތެއް ކަމަށް ބުނެފައިވަނީ:
ކޮންމެ މީލާދީ އަހަރެއްގެ ފެށޭއިރު އެ އަހަރަކަށް ސެކްރެޓަރީ ޖެނެރަލް ރާވާ ކަންކަން ކޮމިޝަނަށް ހުށަހަޅައި އެކަންކަން ކޮމިޝަނުން ފާސްކުރުވުން
ކޮންމެ އަހަރެއްގެ މެދުތެރޭގައި ސެކްރެޓަރީ ޖެނެރަލް އެ އަހަރުގެ ފުރަތަމަ ބައިގައި ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނުކުތް ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދައި އެއަށް އަމަލުކުރުން
ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގައި ސެކްރެޓަރީ ޖެނެރަލް ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނުކުތް ނަތީޖާތައް ކޮމިޝަނަށް ހުށަހެޅުން
އެނގުން މުހިންމު - އެސްޖީއަކީ އެ ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިޝަން އިދާރީގޮތުން ހިންގައި ބަލަހައްޓައި ފަރާތެވެ. އެ މަގާމުގައި ކުރިން ހުންނެވި ޒީނިޔާ މަގާމުން ވަކިކުރި މައްސަލާގައި އޭނާ ބުނެފައިވަނީ އެ މަސްއޫލިއްޔަތުތަކަށް ކޮމިޝަނުގެ މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދިޔަ ކަމަށެވެ.
އެ ކޮމިޝަނުގެ އައިޓީ އޮފިސަރު ވެސް މިހާރު ހުރީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ. އަދި އެ ކޮމިޝަނުގެ މުވައްޒަފުންނާމެދު ނާއިންސާފުން ކަންކަން ކުރަމުންދާ ކަމަށް ބުނެ، މުވައްޒަފުންގެ މެދުގައި ކޮމިޝަންގެ މެމްބަރުންނާމެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ