މޮޑްރިޗް، މިލާންގެ ހުށަހެޅުން ގަބޫލުކޮށްފި މޮޑްރިޗް، މިލާންގެ ހުށަހެޅުން ގަބޫލުކޮށްފި

މިލާން، އިޓަލީ (ޖޫން 5) - ރެއާލް މެޑްރިޑްގެ ލެޖެންޑް، ލޫކަ މޮޑްރިޗް އިޓަލީގެ އޭސީ މިލާންގެ ހުށަހެޅުން ގަބޫލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕް މުބާރާތަކީ މޮޑްރިޗް، 39، ރެއާލްގެ ޖާޒީގައި ފެންނާނެ ފަހު މުބާރާތެވެ. އެ މުބާރާތަށް ފަހު މޮޑްރިޗް އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާއިރު، އޭނާ ހޯދުމަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ކްރޮއޭޝިއާ ގައުމީ ޓީމުގެ މޮޑްރިޗަށް މިލާނުން ހުށަހެޅީ މުސާރަ އާއި ބޯނަސް ހިމެނޭ ގޮތަށް ހަތަރު މިލިއަން ޑޮލަރެވެ. އަދި އެ ކްލަބުން ވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއް މޮޑްރިޗަށް ދީފަ އެވެ. އަދި، އެ އެއްބަސްވުމުގައި، ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ، މޮޑްރިޗަށް އިތުރު އަހަރެއްގައި މިލާނުގައި މަޑުކުރެވޭ ގޮތަށް ހިމަނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މޮޑްރިޗް މި ހުށަހެޅުމަށް ރަސްމީ ޖަވާބެއް ދޭނީ ކްލަބް ވޯލްޑް ކަޕަށް ފަހުގައި ކަމަށްވެ އެވެ. އެކަމަކު، އިޓަލީގެ ގަދަބާރު މިލާނުން އަންނަނީ ވީހާވެސް އަވަހަށް މި ޑީލް ނިންމުމުގެ ކަންކަން ކުރަމުންނެވެ.
ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދި މޮޑްރިޗް ވަނީ އެ ޓީމުގައި ހޭދަކުރި 13 އަހަރުގައި 28 ތަށި އެ ޓީމާއެކު ކާމިޔާބުކޮށްފަ އެވެ. އަދި 2018 ވަނަ އަހަރުގެ ބެލޮންޑޯ އެވޯޑް ވަނީ ކާމިޔާބުކޮށްފަ އެވެ.
މޮޑްރިޗްގެ ފޯކަސް މި ވަގުތު ހުރީ ކްލަބް ވޯލްޑް ކަޕަށެވެ. އަދި ކްލަބް ވޯލްޑް ކަޕަށްފަހު، އޭނާ ދާނެ ކްލަބަކާ މެދު ގޮތް ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ