މަހިބަދޫން ނިއު ރޭޑިއަންޓް ހުއްޓުވައިފި މަހިބަދޫން ނިއު ރޭޑިއަންޓް ހުއްޓުވައިފި

އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކްލަބުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 2-2 އިން އެއްވަރުކޮށްފި އެވެ.
މި މެޗާ އެކު، ފަސް ޓީމު ވާދަކުރާ އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ ކުޅުން ނިމުނީ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ނިއު އާއި ތިން ވަނައިގައި ނިންމި އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މަހިބަދޫ ކެޓިއިރު، އެ ޓީމަށް ލިބުނީ ނިއު އަތުން ހޯދި ޕޮއިންޓް އެކަންޏެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ނިއު އިން ބޯޅަ ހިފަހައްޓައިގެން ކުޅެ ގޯލާ އަމާޒުކޮށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކުރި އެވެ. އެ ގޮތުން، ނިއުގެ އިބްރާހިމް ސިނާހު (ސިނާ) އާއި ގާނާގެ ފޯވާޑް، ރަފީގު އަމީނު ޖެހި ޝޮޓްތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ނިއު އިން ލީޑު ނެގީ 22 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގާނާގެ މިޑްފީލްޑަރު، ތޯރިގު ޖެބްރިން ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ. މިއީ، ރަފީގަށް މަހިބަދޫ އޭރިއާތެރެއިން އެ ޓީމުގެ އަބްދުﷲ އަނީސް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ލީޑުފުޅާކުރަން ކުރި މަސައްކަތުގައި ނިއުގެ އެޓޭކްތަކުގައި ބޭނުމެއް ނުހިފުނެވެ.
މަހިބަދޫން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއްގައި ޖެހި ގޯލަކުންނެވެ. އެ ގޮތުން، މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް އަނިޔާވެގެން ދަނޑުން ފައިބައި ހުރި ވަގުތެއްގައި، އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ވެސް ކުރި އެޓޭކެއްގައި، މަހިބަދޫގެ އަލީ ނަސޫހު (ޕިލާ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއްގައި، އެ ޓީމުގެ ޝުއައިދު ސައީދު ޖެހި ބޯޅަ ނިއުގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) އަތުގައި ޖެހިފައި ނުކުތުމުން، ޝުއައިދު ވަނީ ރީބައުންސް ގޯލަށް ފޮނުވާލައިފަ އެވެ.
ބަދަލަކަށް ކުޅެން އަރައި ނިއު އަށް ލީޑުނަގައިދިން ގޯލު ޖެހުމަށް ފަހު މުލަކޭ އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ނިއު އިން ދެ ވަނަ ހާފަށް ނުކުތީ ހަތަރު ބަދަލަކާ އެކު އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓް ހިނގިތަނާހެން، މި ހާފުގައި ބަދަލަކަށް ކުޅެން އެރި، ޔަސްފާދު ހަބީބު (މުލަކޭ) ވަނީ އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، ނިއު އަށް އަލުން ލީޑުނަގައިދީފަ އެވެ.
އޭގެ ތިން މިނިޓް ފަހުން، މަހިބަދޫ އަށް ލިބުނު ހިލޭ ޖެހުމެއްގައި، ބިޗަޑް ފޮނުވާލި ބޯޅަ ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ނިއު އަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުންދިޔައީ ނުހިފި އެވެ. އޭގެ ނަތީޖާ އަކަށްވީ މި ހާފުގައި ވެސް މަހިބަދޫ އަށް ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގެ ބޭނުންހިފައި، ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުގެ 74 ވަނަ މިނިޓްގައި، ނިއުގެ އޭރިއާތެރެއިން ޝުއައިދު އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
އޭގެ ފަހުން ކުރި އެޓޭކުގައި، ނިއުގެ އަލީ ޝިޔާހު (ޝިޔާ) އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އަދި، މަހިބަދޫން ބަދަލަކަށް އެރި އަހުމަދު ޝިޔާހު، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެެވެ.
ލީގު ކަޕްގެ ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅެން ޖެހޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ޓީމު ކުޅެން ޖެހޭނީ ތިން ވަނަ ޓީމާ އެވެ. އެ ގޮތުން، ފުރަތަމަ ސެމީގައި، އާދިއްތަ ދުވަހު ހަވީރު މާޒިޔާ އިން ކުޅޭނީ ޓީސީއާ އެވެ. އަދި، ދެ ވަނަ ސެމީގައި، އާދިއްތަ ދުވަހުގެރޭ އޮޑިން ކުޅެން ޖެހޭނީ ނިއުއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ