ބިލްބާއޯ، ސްޕެއިން (މެއި 22) - މެޗަކުން ބަލިނުވެ ފައިނަލުން ޖާގަ ހޯދި މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ހިތްދަތިކޮށް ބަލިކުރުމަށް ފަހު، ޓޮޓެންހަމް ހޮޓްސްޕާސް އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޓޮޓެންހަމް އިން ވަނީ މި ސީޒަނުގައި ހަތަރު ފަހަރު ޔުނައިޓެޑް ބަލިކޮށްފަ އެވެ.
މިއީ، ފާއިތުވި 17 އަަހަރު ތެރޭ ޓޮޓެންހަމް އިން ތަށްޓެއްގައި އަތްލި ފުރަތަމަ ފަހަރެެވެ. އޭގެ ފަހުން، އެ ޓީމު ހަތަރު ފައިނަލަކުން ބަލިވެފައިވާއިރު، އޭގެ ތެރޭގައި، 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުން ލިވަޕޫލް އަތުން ބަލިވުން ހިމެނެ އެވެ.
ޔުނައިޓެޑް އަތުން ސެމީ ފައިނަލުގައި ބަލިވި، އެތުލެޓިކް ބިލްބާއޯ ދަނޑުގައި ކުޅުނު ފައިނަލް މެޗު ފަށައިގެން ޓޮޓެންހަމް އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ގޯލެއް ޖެހޭތޯ ބަލަމުންނެވެ. ޔުނައިޓެޑްގެ އަމަދު ޑިއާލޯ އަށް ލިބޭ ބޯޅަތަކުގައި އެ ޓީމުން ވެސް ނުރައްކާ ކުރަމުންދިޔަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ، 42 ވަނަ މިނިޓްގައި ބްރެނަން ޖޯންސަން އެވެ. މިއީ، ޓޮޓެންހަމްގެ ޕަޕޭ މަޓަ ސާ ނަގައިދިން ހުރަހަކަށް އަރައި ޖޯންސަން ޖެހި ގޯލެކެވެ. އެ ބޯޅަ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހުނީ، ގޯލަށް ވަތް ފަހުންނެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅެ އެއްވަރު ކުރެވޭތޯ ބެލި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ބޮލުން ޖެހި ބޯޅަ ދަނޑިކައިިރިން ބޭރުން ދިޔައިރު، ފަހު ވަގުތު ޝޯ ބޮލުން ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ގުގްލިއެރްމޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ. އަދި، މި މެޗުގައި ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ރޮނގުމަތިން ޓޮޓެންހަމްގެ ޑިފެންޑަރު، މިކީ ވެން ޑަ ވީން ސަލާމަތްކުރި އެވެ.
ޓޮޓެންހަމް އިން 41 އަހަރަށް ފަހު ޔޫރަޕް މުބާރާތެއްގެ ތަށި ހޯދިއިރު، މިއީ އެ ޓީމުގެ ވަރަށް ދަށް ސީޒަނެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު 17 ވަނައިގައި އޮތްއިރު، އެ ޓީމުގެ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫ އަށް ވެސް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. އެކަމަކު، ޕޮސްޓެކޮގްލޫ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބުނި ގޮތަށް، އޭނާ މި ވަނީ ދެ ވަނަ ސީޒަނުގައި ޓޮޓެންހަމަށް ތަށްޓެއް ހޯދައިދީފަ އެވެ.
މިއީ، ޓޮޓެންހަމް އިން ޔުއެފާ ކަޕް/ ޔޫރޮޕާ ލީގު ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 1972 އަދި 1984 ވަނަ އަހަރު ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި މި ފަހަރު ނިންމި، ޔުނައިޓެޑުން ޔޫރޮޕާ ލީގު ކާމިޔާބުކުރަން ހުރިހާ އަމާޒެއް ބެހެއްޓީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށާއި އެ ޓީމުގެ ސީޒަން ސަލާމަތްކުރުމަށެވެ. އެކަމަކު، ސީޒަން މެދުތެރެއިން ކޯޗު ބަދަލުކުރި ޔުނައިޓެޑާ ނޮވެމްބަރު މަހު ހަވާލުވި، ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމްއާ އެކު، ޔުނައިޓެޑަށް ފުރަތަމަ ސީޒަނުގައި ތަށްޓެއް ހޯދޭ ގޮތެއްނުވިއިރު، އަންނަ ސީޒަނުގައި އެ ޓީމަށް ޔޫރަޕްގެ އެއްވެސް މުބާރާތެއްގެ ފުރުސަތު ނެތެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން، 2017 ވަނަ އަހަރު ހޯދި ޔުނައިޓެޑް ވަނީ 2021 ވަނަ އަހަރުގެ ފައިނަލުގައި ވެސް ބަލިވެފަ އެެވެ. އެ ފަހަރު ޔުނައިޓެޑް ބަލިވީ، ޕެނަލްޓީ ޖަހައިގެން ވިޔަރެއާލް އަތުންނެވެ.
ޔުނައިޓެޑް ހިތްދަތިކޮށްލައި ޓޮޓެންހަމުން ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި ޔުނައިޓެޑް ހިތްދަތިކޮށްލައި ޓޮޓެންހަމުން ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ