އަބްދުﷲ ރަޝިދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުން ކޮށްފަ ނުވާ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައިވަނީ، ހޯނޑެއްދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދުއެވެ.
ފުލުހުން ބުނީ، އޭނަ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، މެޔަށް ތަދެއް އަރައި ސީޒަރއެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނިގެން އޭނަ ގދ މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް، އޭނަ މަރުވެފައިވާކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މަޑަވެލީގައި ވަނީ އިހުތިޖާޖްވެސް ކޮށްފައިވެއެވެ. މަޑަވެލި މީހުން ތުހުމަތު ކުރާގޮތުގައި އޭނަ މަރުވީ ފުލުހުން އަނިޔާކޮށްގެންނެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އޭނަ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައިކަމަށާއި، އެ ލޯންޗްގައި އާންމުންވެސް ތިބިކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ވަނީ ބުނެފައެވެ. އަދި މިހާދިސާއާއި ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށް، ހާދިސާގައި ފުލުހުންގެ އިހުމާލެއްވޭތޯ ތަހުގީގުކޮށްދިނުމަށް އެދިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ނިންމާފައިވާއިރު، އޭނާގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި މަލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަބްދުﷲ ރަޝިދު، މަރުވީ ކޮން ސަބަބަކާ ހުރެކަން އަދި އެނގިފައިނުވާއިރު، މި މައްސަލާގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާއި ގުޅިގެން އަޅަންވާ ފިޔަވަޅެއް އަޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވެސް ވަނީ ވިދާޅުވެފައެވެ.
އަބްދުﷲ ރަޝީދު ހައްޔަރު ކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުންނުކުރޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ