ގާސިމް ރައީސްއާ ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހަށް ގާސިމް މިއަދު ވަދެވަޑައިގަންނަވާ ތަން ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ގާސިމް ރައީސްއާ ބައްދަލުކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ މުހައްމަދު ހިސާން އާއި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ނަމަވެސް، އެއްވެސް ބޭފުޅަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ތަފްސީލް - މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓުނަރު ގާސިމް ރައީސް ސޯލިހާ ބައްދަލުކުރައްވަމުން ގެންދަވާއިރު، ރައީސް ވަނީ މިހާރު ވެސް އޮތް ކޯލިޝަން ދެމެހެއްޓުމަށް ހުރިހާ ބައިވެރިންނަށް ވެސް ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ. އެ ޕާޓީން ނިންމާފައިވަނީ ރައީސްއާ އެކު ތިބުމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ގާސިމް އަދި ސީދާ ވަކި ގޮތެއް ނުނިންމަވަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ވަނީ، އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާދީފަ އެވެ.
ގުޅުން ހުރި ކަމެއް - ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ސަރުކާރުގެ މަސައްކަތް ލަސްކަމަށް ވިދާޅުވެ، ގާސިމް ވަނީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނުސީދާކޮށް ވާހަކަދައްކަވާފަ އެވެ.
ރައީސް ސޯލިހާ މިހާރު އެންމެ ވާދަވެރި، އެމްޑީޕީގެ ރައީސް އަދި ރައީސްގެ ކުރީގެ ގާތް އެކުވެރިޔާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވަނީ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ. މި ފަހުން ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުން ގެންދަވާއިރު، ނަޝީދު ގާސިމްގެ ރަނިންމޭޓަކަށް ނުކުންނަވާފާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ