ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން ބާއްވައިފި

ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.
މި ޝަރީޢަތް ފަށާފައިވަނީ މިއަދު 13:00 ގައިކަމަށް ސްޕްރީމް ކޯޓުން ބުނެއެވެ.
މި ގޮތުން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން، ވިޑީއޯ ކޮންފަރެންސްގެ ޒަރީޢާއިން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/26 ޤަޟިއްޔާއެވެ.
މި ޤަޟިއްޔާއަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް، ބ. ތުޅާދޫ ގުލްބަހާރުގެ ޢަދުނާނު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުކަމަށް ސްޕްރީމްކޯޓުން ބުނެފައިވެއެވެ.
ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ އިތުރުން، މައްސަލައިގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުކަމަށް ސްޕްރީމު ކޯޓުން ބުނެއެވެ.
މީގެ އިތުރުން މިއަދު ބޭއްވުނު މި ޝަރީޢަތުގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ،ފަނޑިޔާރުންނާއި، ދަޢުވާކުރާފަރާތާއި، ދަޢުވާކުރާ ފަރާތުގެ ވަކީލާއި، ދަޢުވާލިބޭ ފަރާތާއި، ކޯޓުގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަންނަވާފައިވަނީ، އެ ބޭފުޅަކު ޤާއިމުވެ ހުންނެވި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށް ސްޕްރީމްކޯޓުން ބުނެއެވެ.
ސްޕްރީމް ކޯޓުން ބުނިގޮތުގައި، އެ ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީޢަތްތައް ލައިވްކުރުމަށް ގަވާއިދުގައި އެކުލެވިފައިވީ ނަމަވެސް، މިއަދު ބޭއްވުނު ޝަރީޢަތުގެ މަޖިލީހަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައެއްކަމަށެވެ.
މި ގޮތުން މިއަދުގެ ޝަރީޢަތް ލައިވްކުރެވިފައި ނުވާކަމަށް ސްޕްރީމް ކޯޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ